ހަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލްއިން 478 މިލިއަން ޑޮލަރު ވިއްކައިފި

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 478 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.
މިއަދު އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާއެކު ނެރުނު ބަޔާނުގައި ބީއެމްއެލްއިން ބުނީ، މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ކަމަށެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިތުރުވި އަދަދެކެވެ:
- 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށް ވުރެ %30 އިތުރު އަދަދެކެވެ.
- 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.
- 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
"މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާ އެކު ވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމެވެ،" ބީއެމްއެލްގެ ބަޔާނުގައިވެއެވެ.
ޑޮލަރު ދޫކުރެވުނު މައިގަނޑު ދާއިރާތައް
- ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ): ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން ފުރަތަމަ ހަ މަސްދުވަހު 166 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރޭގައި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރެވުނު 261,168 މުއާމަލާތާ އަޅާބަލާއިރު %20 ގެ އިތުރުވުމެކެވެ.
- ކާޑު މުއާމަލާތްތައް: ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރި ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅާބަލާއިރު %29 ގެ އިތުރުވުމެކެވެ.
މީގެ އިތުރުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކުން ވަނީ އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މިއީ އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
އިތުރަށް





.gif.gif&w=828&q=100)