logologologologo
STO
ޚަބަރު

އަމްރިތާ އާއެކު އެއްބަސްވުން އައުކުރުމުގެ މަރުހަލާ ދަނީ ކުރިއަށް: އާސަންދަ

އަމްރިތާ އާއެކު އެއްބަސްވުން އައުކުރުމުގެ މަރުހަލާ ދަނީ ކުރިއަށް: އާސަންދަ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 25

އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުތައް މިހާރު އެ ހޮސްޕިޓަލުން ފޮނުވާފައިވާ ކަމަަށާއި، މިވަގުތު ކުރިއަށްދަނީ އަގުތައް މުރާޖައާކުރުމާއި އަމްރިތާއާއެކު ގާއިމުކޮށްފައިވާ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. 

އާސަންދަ ކުންފުނިން މިފަދައިން ބުނެފައިވަނީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާގެ ބޭނުންތަކަށް ދާ އެއް ހޮސްޕިޓާކަމަށްވާ އަމްރިތާ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ދެމުންއައި ހިދުމަތްތައް މެދުކެނޑުމާ ގުޅިގެން ދައުލަތުގެ މީޑިޔާއިން ދެންނެވި ސުވާލަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ދެއްވި ޖަވާބުގައެވެ. 

ޒީނިޔާ ވިދާޅުވި ގޮތުގައި ބޭރުގެ ކުންފުނިތަކާއި އާސަންދައިގެ މެދުގައި ގާއިމުކޮށްފައިވާ އެއްބަސްވުންތައް އައުކުރުމުގެ މަސައްކަތަކީ ދުރާލައި ރޭވިގެން އަބަދުވެސް އިންތިޒާމީ ގޮތެއްގައި އެ ކުންފުނިން ކުރާ މަސައްކަތެކެވެ. އެގޮތުން އެއްބަސްވުމެއްގެ މުއްދަތު ހަމަވުމަށް ތިން ހަތަރު މަހަށްވުމުން އާސަންދައިން ހޮސްޕިޓާތަކުގެ ޕެކޭޖުތަކުގެ އައު އަގުތައް ފޮނުވުމަށް އަންގާކަމަށް ޒީނިޔާ ވިދާޅުވިއެވެ. 

އަމްރިތާ ހޮސްޕިޓަލުން ދެމުންއައި ހިދުމަތްތައް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން މެދުކެނޑުނީ އެ ކުންފުންޏާއި އަމްރިތާގެ މެދުގައި ގާއިމުކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވިއިރުވެސް، އެ ހޮސްޕިޓަލުން ހިދުމަތްތަކުގެ ޕެކޭޖުތަކުގެ އަގުތައް ނުފޮނުވައި އޮތުމުންނެވެ. 

ޒީނިޔާ ވިދާޅުވީ އަމްރިތާއަށް ބަލިމީހުން ފޮނުވުން މެދުކެނޑުނީ ވަގުތީ ގޮތުން ކަމަށާއި، މިހާރު އެ ހޮސްޕިޓަލުން އަަގުތައް ފޮނުވާފައިވާ ކަމަށެވެ. އަދި އާސަންދައިން އެ އަގުތައް މުރާޖައާކުރަމުންދާކަމަށާއި، ލަސްތަކެއްނުވެ އެއްބަސްވުން އައުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހޮސްޕިޓާތަކުގެ އިތުރަށް އާސަންދަ މެދުވެރިކޮށް އަވައްޓެރި އިންޑިޔާއާއި ތައިލޭންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބައެއް ހޮސްޕިޓާތަކުން މިހާރު ހިދުމަތް ލިބެއެވެ. ބޭރުން އާސަންދަ މެދުވެރިކޮށް އެންމެ ގިނަ ބަޔަކު ބެސްފަރުވާ ހޯދާ ގައުމަކީ އިންޑިޔާއެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް