ބައެއް ޙާލަތްތަކުގައި ރާއްޖެއިން ލިބެންހުރި ފަރުވާއަށް ވެސް ބޭރަށްދާން އާސަންދަ ދޭން ނިންމައިފި

ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކާއި ބަލި މީހާގެ ޙާލަތަށް ރިއާޔަތްކޮށް، އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭ ގޮތަށް އާސަންދަ ސްކީމް ހިންގުމުގެ ޤަވާޢިދަށް ބަދަލު ގެނެސްފިއެވެ.
އާސަންދަ ސްކީމް ހިންގުމުގެ ޤަވާޢިދަށް ބަދަލުތަކެއް ގެނެސް އިއްޔެ ވަނީ އާންމުކޮށްފައެވެ.
އާސަންދަ ސްކީމްގައި މީގެ ކުރިން އޮންނަ ގޮތުން، އާސަންދަ އެހީގެ ދަށުން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ. ނަމަވެސް، ސަރުކާރުން މިވަނީ މި އުސޫލު ބަދަލުކޮށް، ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ދީ، ބޭސްފަރުވާގެ ކަންކަން ފަސޭހަކޮށްދިނުމަށް ނިންމައިފައެވެ.
އަލަށް އިތުރުކުރި މާއްދާގައިވާ ގޮތުން، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބައެއް ކަންކަމަށް ބެލުމަށްފަހު ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނެއެވެ. އެގޮތުން ބަލީގެ ބާވަތާއި ބަލިމީހާގެ ޙާލަތު، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ބަލިމީހާގެ ވަށައިގެންވާ އެހެނިހެން އިޖުތިމާއީ އަދި ޞިއްޙީ ކަންކަމަށް ރިއާޔަތްކުރާނެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން މާލެ އައިސް، މާލެއިން ބޭރަށް ފަރުވާއަށް ގޮސް އެނބުރި އަންނަ މީހުންނަށްވެސް އާސަންދައިގެ އެހީތެރިކަން މިހާރު ފުޅާކޮށްފައިވެއެވެ. އެގޮތުން، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޚާއްޞަ ޑޮކްޓަރުން ލަފާދިނުމުން، އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ޚަރަދުތަކަށްވެސް އާސަންދައިގެ އެހީ ލިބޭނެ ކަމަށް އެ އިޞްލާޙުގައިވެއެވެ.
މި ބަދަލާއެކު، މީގެ ކުރިން އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދެމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ (ހިއަރިން އެއިޑް، ވީލްޗެއާ) ޚަރަދުތައް އާސަންދަ ސްކީމުން ނުލިބޭ ކަންކަމުގެ ލިސްޓުން ވަނީ އުނިކޮށްފައެވެ. މިހާރު އެތަކެތި އާސަންދައިން ލިބޭނެއެވެ.
އާސަންދަ ސްކީމަށް ސަރުކާރުން ގެނައި މި ބަދަލަކީ ރައްޔިތުންގެ ހުރި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ބަލިމީހުންނަށް ފަސޭހަކަމާއެކު ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ބަދަލެކެވެ.
އެންސްޕާއިން ކުރިން ދިން ޚިދުމަތްތަކުގެ ތެރެއިން 16 ޚިދުމަތެއް އާސަންދައިގެ ދަށަށް އިއްޔެއިން ފެށިގެން ވަނީ ބަދަލުކޮށްފައެވެ. އަދި ބަދަލުކުރި އައު ޚިދުމަތްތަކުގެ ސަބަބުން، އާއްމުންނަށް އިތުރު ތަކުލީފެއް ނުޖެހި އެއްފަހަރާ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވާނެ ކަމަށް އާސަންދަ ކުންފުނިން އިއްޔެ ވަނީ ބުނެފައެވެ.
އިތުރަށް




.gif.gif&w=828&q=100)