ފައިނަލަށްފަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާއާ ދެކޮޅަށް ފީފާއިން ތަހުގީގެއް ފަށައިފި

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު ދަނޑުމަތީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އާޖެންޓީނާގެ ގައުމީ ޓީމާ ދެކޮޅަށް ރަސްމީ ތަހުގީގެއް ފަށާފައިވާކަން ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ (ފީފާ) އިން ކަށަވަރުކޮށްދީފިއެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ މެޓްލައިފް ސްޓޭޑިއަމްގައި މެޗުގެ ފަހު ހިންގި ހާދިސާތައް ބެލުމަށްޓަކައި ޑިސިޕްލިނަރީ އެންޑް އެތިކްސް ޕްރޮސެކިއުޓަރެއް އައްޔަންކޮށްފައެވެ.
އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުން 1-0 އިން އާޖެންޓީނާ ބަލިވުމާއެކު، ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަން ފެށި ވަގުތު އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ސްޕެއިންގެ ކުޅުންތެރިންނާ މާރާމާރީ ހިންގާފައެވެ.
މި ހަމަނުޖެހުން ބޮޑުވެގެންދިޔައީ، އިތުރު ވަގުތުގެ ތެރޭގައި ބަދަލުކުރި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ، އާޖެންޓީނާގެ ޑިފެންޑަރު ނަހުއެލް މޮލީނާ ކައިރިން ދިޔަ ވަގުތު މޮލީނާ އޭނާގެ އަތުގައި ނުވަތަ ބަނޑުގައި މުއްތިކަފާފައި ޖެހުމާ ގުޅިގެންނެވެ.
މި ހަމަނުޖެހުންތަކުގައި ޕަރަޑޭސް ވަނީ ސްޕެއިންގެ އެރިކް ގާސިއާގެ ކަރަށް އަތްލައި، އޭނާގެ މޫނުމަތީގައި ޖަހާފައެވެ. މީގެ އިތުރުން ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ގާވީގެ މޫނުގައި އަތްއަޅައި ބިމަށް ވައްޓާލުމުގައި އަލްމާޑާއާއި ޕަރޭޑޭސް ބައިވެރިވިއެވެ. އަދި އެސިސްޓެންޓް ކޯޗު އަޔާލާ ވަނީ ގާސިއާގެ ކޮނޑުގައި ހިފާ، އޮލްމޯގެ މޫނުމަތީގައި ޖަހާފައެވެ.
މެޗުގެ ތެރޭގައިވެސް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 13 ވަނަ މާއްދާގެ ދަށުން، ކުޅުންތެރިންނާއި އޮފިޝަލުންގެ މާރާމާރީއަކީ "އާންމު އަޚްލާގީ ގަވާއިދުތަކާ ހިލާފުވުން" އަދި "ކުޅިވަރާއި ފީފާގެ އަބުރަށް ހުތުރުވާފަދަ އަމަލެއް" ކަމަށް ބެލެވޭނެއެވެ.
މި ތަހުގީގަށްފަހު ކުށްވެރިވާ ކުޅުންތެރިންނާއި އޮފިޝަލުން މުޅި ދުނިޔެއަށް ސަސްޕެންޑް ކުރުމުގެ ބާރު ފީފާއަށް ލިބިގެންވެއެވެ. މީގެ އިތުރުން އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ބޮޑު އަދަދަކުން ޖޫރިމަނާ ކުރުންވެސް އެކަށީގެންވެއެވެ.
މި ހަމަނުޖެހުމުގެ އިތުރުންވެސް އާޖެންޓީނާއާ ދެކޮޅަށް ފީފާއިން ދަނީ އެހެން ތަހުގީގެއް ކުރަމުންނެވެ. އެއީ ސެމީ ފައިނަލްގައި އިނގިރޭސިވިލާތް 2-1 އިން ބަލިކުރުމަށްފަހު، "ލާސް މާލްވީނާސް ސޮން އަރްޖެންޓީނާސް" (ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ތަނެއް) ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެން ސިޔާސީ މެސެޖެއް އާންމުކުރުމާ ގުޅިގެންނެވެ.
މި ބެނާ ހިފަހައްޓައިގެން ތިބި ކްރިސްޓިއަން ރޮމޭރޯ، ޖިއޮވާނީ ލޯ ސެލްސޯ އަދި ލިސަންޑްރޯ މާޓިނޭޒްއަށްވެސް މެޗުތަކަކަށް ސަސްޕެންޝަނެއް އައުން އެކަށީގެންވެއެވެ.
އިތުރަށް





.gif.gif&w=828&q=100)