ވޯލްޑް ކަޕް ތާރީޚުގައި ވެސް އެންމެ ދިގު ހާފް-ޓައިމް ބްރޭކް ފެންނާނީ މިފަހަރުގެ ފައިނަލްގައި

ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ މިފަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ވެގެންދާނީ، މުބާރާތުގެ ތާރީޚުގައި ވެސް މެޗުގެ ދެވަނަ ހާފް ފެށުމުގެ ކުރިން އެންމެ ދިގު ބްރޭކެއް ނަގާނެ މެޗަށެވެ.
މި ބަދަލު އަންނަނީ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، އެމެރިކާގެ 'ސުޕަރ ބޯލް' ސްޓައިލަށް 11 މިނިޓުގެ ދިގު މިއުޒިކް ޝޯއެއް ކުރިއަށް ގެންދަން ފީފާއިން ނިންމުމާ ގުޅިގެންނެވެ. މި ބޮޑު ޝޯގައި ޕާފޯމްކުރާނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ، ޝަކީރާ، ޖަސްޓިން ބީބަރ ގެ އިތުރުން ކޭ-ޕޮޕް ބޭންޑް ބީޓީއެސްއެވެ.
ސްޓޭޖް ތައްޔާރުކުރުމާއި، ޝޯ ނިމުމުން އެ ތަކެތި ދަނޑުމަތިން ނެގުމަށް ހޭދަވާ ވަގުތަށް ބަލާއިރު، މިފަހަރުގެ ހާފް-ޓައިމް ބްރޭކް 25 މިނިޓަށް ވުރެ ވެސް ދިގުލައިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. ފީފާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބްރޭކް އޮންނާނީ 20 މިނިޓަށް ކަމަށް ބުނި ނަމަވެސް، ޝޯގެ އިންތިޒާމުތައް ހުރި ގޮތުން އެއަށްވުރެ ގިނަ ވަގުތު ހޭދަވާނެ ކަމަށް ބެލެވެއެވެ.
ބްރޭކް މާ ބޮޑަށް ދިގުލައިގެން ހިނގައްޖެނަމަ، ދެވަނަ ހާފް ފެށުމުގެ ކުރިން ކުޅުންތެރިން ދަނޑުމަތީގައި އަލުން ވޯމް-އަޕްއެއް ހަދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ފުޓްބޯޅައިގެ ގާނޫނުތައް ހަދާ ބޯޑުގެ ގަވާއިދު ބުނާގޮތުން ހާފް-ޓައިމް ބްރޭކް 15 މިނިޓަށް ވުރެ ދިގުވެގެން ނުވާނެއެވެ.
ނަމަވެސް، މިދިޔަ އަހަރު މި ސްޓޭޑިއަމްގައި ބޭއްވި ކްލަބް ވޯލްޑް ކަޕް ފައިނަލްގައި ވެސް ކޯލްޑްޕްލޭ އާއި ޑޯޖާ ކެޓް ފަދަ އާޓިސްޓުން ހުށަހަޅައިދިން ޝޯއަކާ ގުޅިގެން ހާފް-ޓައިމް ބްރޭކް ވަނީ 24 މިނިޓަށް ދިގުލައިގެން ގޮސްފައެވެ.
ވޯލްޑް ކަޕް ފައިނަލް މެޗު ފެށުމުގެ ކުރިން ބާއްވާ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ގަޑިން މިރޭ 22:30 ގައެވެ.
މި ރަސްމިއްޔާތުގައި އެމެރިކާގެ ގައުމީ ސަލާމް ކިޔައިދޭނީ ޖެނިފަރ ހަޑްސަން އެވެ. މީގެ އިތުރުން ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒް، ރޮބީ ވިލިއަމްސް، ލައުރާ ޕައުސީނީ، ނިކޯލް ޝެރޒިންގަރ އަދި މަޝްހޫރު ސްޓްރީމަރު 'އައިޝޯސްޕީޑް' ވެސް މި ހަފްލާގައި ބައިވެރިވާނެއެވެ.
މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައެވެ ވަނީ ރާއްޖެ ގަޑިން މެންދަމު 00:00 ގައެވެ.
އިތުރަށް





.gif.gif&w=828&q=100)