logologologologo
STO
ދުނިޔެ

ނަތަންޔާހޫ ނިއު ޔޯކަށް އަރައިފި ނަމަ ހައްޔަރުކުރުމުގެ ފުރުސަތަކަށް މިދަނީ ބަލަމުން: މަމްދާނީ

ނަތަންޔާހޫ ނިއު ޔޯކަށް އަރައިފި ނަމަ ހައްޔަރުކުރުމުގެ ފުރުސަތަކަށް މިދަނީ ބަލަމުން: މަމްދާނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 19

އަންނަ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއު ޔޯކަށް އައިސްފި ނަމަ، އޭނާ ހައްޔަރުކުރުމުގެ ފުރުސަތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށާއި އޭނާ ހުންނަން ޖެހޭނީ ދަ ހޭގްގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސިޓީގެ ލޯ ޑިޕާޓްމަންޓާ އެކު މަމްދާނީ މިހާރު މަޝްވަރާ ކުރައްވަމުން ގެންދަވަނީ، ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު ސިޓީގެ އިދާރާތަކަށް ލިބިގެންވޭތޯ ކަށަވަރު ކުރުމަށެވެ.

މޭޔަރު ވިދާޅުވީ ގާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މިކަމުގައި އަމަލުކުރައްވާނެ ކަމަށާއި، ނަމަވެސް މި މައްސަލައަށް ހާއްސަކޮށް އާ ގާނޫނެއް ނުހަދާނެ ކަމަށެވެ.

މި މައްސަލައިގައި ނަތަންޔާހޫ ދިން ރައްދެއްގައި މަމްދާނީ އަކީ އެމެރިކާ ދެކެ ރުޅި އަންނަ މީހެއް ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް، އިސްރާއީލުގެ ފަރާތުން އދ. ގައި ހުންނަ ސަފީރު ޑެނީ ޑެނަން ވަނީ، ހައްޔަރުކުރުމުގެ އިންޒާރުތައް ހުރި ނަމަވެސް، ސެޕްޓެމްބަރު މަހު ނަތަންޔާހޫ ނިއު ޔޯކަށް ދާނެކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ އިން އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފެނިގެންދެއެވެ. އެގޮތުން، އެމެރިކާއިން އިސްރާއީލަށް ދޭ އެހީއާ ދެކޮޅަށް ޑިމޮކްރެޓުންގެ ތިންބައިކުޅަ ދެބައި މީހުން ވާހަކަ ދައްކަމުންދާކަން ފަހުގެ ހިސާބުތަކުން ދައްކައެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންނެވެ. މި ހަނގުރާމައިގެ ތެރޭގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލުތަކެއް ހިންގާފައިވާކަމަށް ބައިނަލްއަގުވާމީ މުއައްސަސާތަކުން ތުހުމަތުކުރެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް