logologologologo
STO
ދުނިޔެ

އީރާނުން މަޝްވަރާއަށް ނައިސްފިނަމަ ބްރިޖްތަކާއި ޕަވަރ ޕްލާންޓްތަކަށް ބޮންއަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

އީރާނުން މަޝްވަރާއަށް ނައިސްފިނަމަ ބްރިޖްތަކާއި ޕަވަރ ޕްލާންޓްތަކަށް ބޮންއަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 15

އަންނަ ހަފުތާގެ ތެރޭގައި އީރާނުން އަލުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ، އެ ގައުމުގެ ބްރިޖްތަކާއި ޕަވަރ ޕްލާންޓްތަކަށް (އިންޖީނުގެތަކަށް) ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިިއެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް މި އިންޒާރު ދެއްވީ، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ހަމަލާ ބަދަލުކުރަމުންދާތާ ހަތަރު ވަނަ ދުވަހަށް ވެފައިވަނިކޮށެވެ. މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ މުދާ އުފުލާ ބޯޓުފަހަރުން 20 އިންސައްތައިގެ ފީއެއް ނަގަން ކުރިން ނިންމެވި ނިންމެވުން ޓްރަމްޕް ވަނީ އަނބުރާ ގެންދަވާފައެވެ. ނަމަވެސް، އީރާނުގެ ބަނދަރުތައް އެމެރިކާ ސިފައިން ހިސާރުކުރުމުގެ (ބްލޮކޭޑް) މަސައްކަތް މިހާރު ވަނީ އަލުން ފަށާފައެވެ.

"އަންނަ ހަފުތާގައި އެމީހުންނަށް ކަންކަން ވަރަށް ގޯސްވާނެ. މަޝްވަރާގެ މޭޒަށް އައިސް އެއްބަސްވުމަކަށް ނައިސްފިނަމަ، އެ ގައުމުގެ ހުރިހާ ޕަވަރ ޕްލާންޓްތަކަކާއި ބްރިޖްތަކެއް އަޅުގަނޑުމެން ހަލާކުކޮށްލާނަން،" ޓްރަމްޕް.

މަދަނީ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ކުރިން ދެއްވި އިންޒާރުތަކާ ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކަރ ތުރުކް ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގަސްތުގައި މަދަނީ ތަންތަނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއް ކަމަށެވެ. އަދި 1949 ގެ ޖެނީވާ ކޮންވެންޝަނުންވެސް އާންމުންނަށް ޒަރޫރީ ބޭނުންތައް ފޯރުކޮށްދޭ ތަންތަނަށް ހަމަލާދިނުން މަނާކުރެއެވެ.

ނަމަވެސް ޓްރަމްޕް ބުނިގޮތުގައި، އެންމެ ފަހުން ނަމަވެސް އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށާއި، "އެއްބަސްވުމެއް ގާއިމްނުކޮށްފިނަމަ ސަލާމަތްވާނެ އެއްޗެއް ނޯންނާނެ" ކަމުގެ މެސެޖު އެމެރިކާގެ މުއާމަލާތްކުރާ ފަރާތްތަކުން އީރާނަށް ފޮނުވާފައިވާ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ވަރުގަދަވުމާއެކު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތަކުގެ ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އީރާނުން ވިޔަފާރި ބޯޓުތަކަށް ހަމަލާދޭން ބޭނުންކުރާ ގާބިލުކަން ނައްތާލުމަށް އިތުރު ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުން ވަނީ 7 ވިޔަފާރި ބޯޓަކަށް ހަމަލާދީ، އާންމު ފަޅުވެރިންގެ ތެރެއިން 12 އެއްހާ މީހުން މަރާލާ ނުވަތަ ޒަހަމްކޮށްލާފައެވެ.

ޔޫއޭއީގެ ދެ ޓޭންކަރަކަށް އީރާނުން ކްރޫޒް މިސައިލް ހަމަލާދީ އިންޑިއާގެ ފަޅުވެރިއަކު މަރާލާފައިވާއިރު، އީރާނުގެ އައިއާރުޖީސީން ބުނީ އެ ބޯޓުތަކަށް ހަމަލާދިނީ އިންޒާރުތަކަށް ބޯނުލަނބާ، ނެވިގޭޝަން ނިޒާމު ނިއްވާލައިގެން މައިންް ވަޅުލާފައިވާ ސަރަހައްދަކުން ދަތުރުކުރުމުން ކަމަށެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކުވައިތުން ވަނީ އީރާނުގެ ޑްރޯން ހަމަލާތަކެއް ހުއްޓުވާފައެވެ. އަދި ބަހުރޭނުން ވެސް ވަނީ ވައިގެ ހަމަލާތަކުން ރައްކާތެރިވުމުގެ ރާޑަރު ސައިރަންތައް އަޅުވާފައެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒެމް ޣަރީބްއާބާދީ ވިދާޅުވީ، އެމެރިކާއިން އަލުން ބްލޮކޭޑް ކުރަން ނިންމި ނިންމުމުގެ ސަބަބުން ކުރިން ދެ ގައުމުގެ މެދުގައި އެކުލަވާލި ސުލްހައިގެ އެއްބަސްވުން (އެމްއޯޔޫ) މިހާރު އުވިފައިވާ ކަމަށެވެ. އަދި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ހިސާރުކުރުންތައް ވަރުގަދަކޮށްގެން އީރާނު މަޝްވަރާއަށް ގެނެވޭނެ ކަމަށް ހީކުރުމަކީ އެމެރިކާއަށް ކުރެވޭ ކުށްހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް