އެމެރިކާއިން އީރާނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފި، މުޅި މެދުއިރުމަތި ހޫނުވަނީ
.webp&w=1080&q=100)
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ، ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ރޭގެ ވަގުތެއްގައި އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދެވަނަ ބުރުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތަކާ ގުޅިގެން މުޅި ގަލްފް ސަރަހައްދަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އެމެރިކާގެ ހަމަލާތަކަށްފަހު، އީރާނުން ވަނީ ބަހުރޭން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދުގައި މިސައިލް ހަމަލާތަކެއް ދީފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންކޮމް) އިން ހާމަކުރި ގޮތުގައި، ރޭގެ ހަމަލާތަކުގައި އީރާނުގެ އައްސޭރިފަށުގައި ހުރި ވައިގެ ދިފާއީ ނިޒާމުތަކާއި އަސްކަރީ ލޮޖިސްޓިކްސް ބިނާތައް ހިމެނޭހެން 90 އަސްކަރީަމަރުކަޒަކަށް ވަނީ ހަމަލާދީފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި:
- ބަނދަރު މަތީ ސިޓީތައް: ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ބަންދަރު އައްބާސް، ސިރިކް، ޖާސްކް، ކޮނަރާކް އަދި ޗާބަހާރަށް ބޮން އަޅާފައިވެއެވެ. ބަންދަރު އައްބާސްއިން 8 ގޮވުމެއްގެ އަޑު އިވިފައިވެއެވެ.
- އަބޫ މޫސާ ރަށް: އީރާނާއި ޔޫއޭއީއާ ދެމެދު މިލްކުވެރިކަމުގެ ދެބަސްވުން އޮންނަ އަބޫ މޫސާ ރަށަށް ވެސް ދެ މިސައިލް އަރާފައިވެއެވެ.
- ގެއްލުންތައް: ޗާބަހާރު ސިޓީން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، ބުޝެހްރުގައި ހުންނަ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) ގެ ބެރެކްސްއެއްގައި ވަނީ ރޯވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އީރާނުން އާންމު މުދާ އުފުލާ ބޯޓުތަކަށް ދިން ހަމަލާގެ ބަދަލުހިފުން ކަމަށާއި، ދެންވެސް އެފަދަ ކަމެއް ކޮށްފިނަމަ ހާލަތު މިއަށްވުރެ މާ ގޯސްވާނެ ކަމަށެވެ.
އީރާނުގެ އައިއާރްޖީސީން ވަނީ ކުވައިތާއި ބަހުރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރޭގަނޑު ހަމަލާދިންކަން ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާއިން އެއްބަސްވުންތަކާ ޚިލާފުވުމުން ދޭން ފެށި "އަދަބުގެ ފުރަތަމަ މަރުހަލާ" ކަމަށް އީރާނުން ބުނެއެވެ.
- ބަހުރޭން: ވެރިރަށް މަނާމާގެ ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.
- ކުވައިތު: އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ކުވައިތުގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފައެވެ.
- ގަތަރު: ގަތަރުން ވަނީ ގައުމުގައި ސެކިއުރިޓީ އެލާޓް ނެރެފައެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް އެކްސްގައި ވިދާޅުވީ، "އެމެރިކާއިން ޖެހިއްޔާ، އެމެރިކާއަށް ވެސް ހަމަލާ ރައްދުވާނެ" ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނީ އީރާނުގެ އިންތިޒާމުތަކުގެ ދަށުން ކަމަށާއި އެމެރިކާގެ ބިރުދެއްކުންތަކަށް ސަމާލުކަން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެމެރިކާއާއި އީރާނާ ދެމެދު 14 ނުކުތާގެ މައްޗަށް އެކުލެވޭ 60 ދުވަހުގެ ސުލްހައިގެ އެއްބަސްވުމެއް ގައި ސޮއިކުރެވުނެވެ. އޭގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ބޯޓުތަކަށް ދަތުރުކުރެވުމާއި އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދިނުން ހިމެނެއެވެ.
ނަމަވެސް، 60 ދުވަސް ހަމަނުވަނީސް ދެގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަން ފެށުމުން، ރައީސް ޓްރަމްޕް ވަނީ އެ ސުލްހައިގެ އެއްބަސްވުން "އުވިއްޖެ" ކަމަށް އިޢުލާންކުރައްވާފައެވެ. ޓްރަމްޕް އީރާނުގެ ވެރިންނަށް "ނަޖިސް ބައެއްގެ" ގޮތުގައި ސިފަކުރައްވައި ވިދާޅުވީ އެމީހުންނާއެކު ދެން ވާހަކަދެއްކުމަކީ ވަގުތު ބޭކާރުކުރުން ކަމަށެވެ.
މިކަމަށް ރައްދުދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާގެ ހަޑިހުތުރު ބަސްތަކަށް އީރާނުން ރައްދުދޭނީ ބަހުން ނޫން ކަމަށާއި، ބިރެއް ނެތް ހިތްވަރުގަދަ "ޢަމަލުން" ކަމަށެވެ.
އިތުރަށް
.jpg&w=3840&q=100)

.jpg&w=3840&q=100)


.gif.gif&w=828&q=100)