logologologologo
STO
ދުނިޔެ

އީރާނު ހަނގުރާމައިގެ ޚަރަދުތަކަށް 87 ބިލިއަން ޑޮލަރު ހޯދަން ޓްރަމްޕް ކޮންގްރެސްގައި އާދޭސްކުރަނީ!

އީރާނު ހަނގުރާމައިގެ ޚަރަދުތަކަށް 87 ބިލިއަން ޑޮލަރު ހޯދަން ޓްރަމްޕް ކޮންގްރެސްގައި އާދޭސްކުރަނީ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 25

އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ "ކުއްލި ބޭނުންތަކަށް" ހޭދަކުރުމަށްޓަކައި 87.6 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ފާސްކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންގްރެސްގެ ގާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގެންފިއެވެ. ޓްރަމްޕް މި ބަޖެޓަށް އެދިވަޑައިގަތީ މި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ކޮންގްރެސްއިން ތާރީޚީ ގަރާރެއް ފާސްކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި މި ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރާނީ ޑިފެންސް ޑިޕާޓްމަންޓް އަށެވެ. އޭގެ ތެރޭގައި ހަތިޔާރާއި ވަޒަން ގަތުމަށް 21 ބިލިއަން ޑޮލަރު، ހަނގުރާމައިގެ އޮޕަރޭޝަނަލް ޚަރަދުތަކަށް 17.3 ބިލިއަން ޑޮލަރު، އަދި ސިއްރު ޕްރޮގްރާމްތަކަށް 12.1 ބިލިއަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން ހަނގުރާމައާ ގުޅުމެއް ނެތް ކަންކަމަށްވެސް މީގެއިން ހޭދަކުރާނެއެވެ. އެގޮތުން އެމެރިކާގެ ދަނޑުވެރިންނަށް 11 ބިލިއަން ޑޮލަރު އަދި މެދުތެރޭ އެފްރިކާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް 1.4 ބިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.

ވައިޓް ހައުސްގެ ބަޖެޓް އޮފީހުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް މައިކް ޖޯންސަނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، މި ބަޖެޓުގެ ބޮޑުބައެއް ހޭދަވާނީ އީރާނު ހަނގުރާމައަށް ދީފައިވާ ނަން ކަމަށްވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ދަށުން ހަތިޔާރުގެސްޓޮކް އަލުން ފުރުމަށެވެ. މީގެ އިތުރުން ހަނގުރާމައިގެ ކުރީކޮޅު ހަމަލާތައް އަމާޒުވި މެދުއިރުމައްޗާއި ދެކުނު އޭޝިއާގައި ހުރި އެމެރިކާގެ އެމްބަސީތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން 300 މިލިއަން ޑޮލަރު ހިމަނާފައިވެއެވެ.

މި ބަޖެޓަށް އެދިވަޑައިގަތުމާއެކު ރިޕަބްލިކަން ޕާޓީގެ އެތެރޭގައި ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައެވެ. ސެނެޓުގެ ރިޕަބްލިކަން މެންބަރުންނާއެކު ބޭއްވި ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ، އޭނާގެ ހަނގުރާމައިގެ ބާރުތައް ހިފެހެއްޓުމަށް ޑިމޮކްރެޓުންނާ ގުޅިގެން ވޯޓުދިން ރިޕަބްލިކަން ހަތަރު ސެނެޓަރުންނަކީ "ބަލިކަށި ބައެއް" ކަމަށް ސިފަކުރައްވާފައެވެ.

"މި ހަނގުރާމަ ހަތަރު ހަފުތާއިން ނިންމާލާނެ ކަމަށް ބުނެ ފެށިގޮތަށް މިހާރު ފަސް މަސްވާން ކައިރިވަނީ. އެމެރިކާގެ ރައްޔިތުންނަށް އަސްލުވަމުންދާ ގޮތެއް ސަރުކާރަކުން ކިޔައެއް ނުދޭ،" — ބިލް ކެސިޑީ، ރިޕަބްލިކަން ސެނެޓަރު

ބައްދަލުވުމުގެ ތެރެއިން ސެނެޓަރު ބިލް ކެސިޑީ އާއި ރައީސް ޓްރަމްޕާ ދެމެދު ބޮޑު ޒުވާބެއް ހިނގާފައިވާއިރު، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާއާއެކު ބޭއްވި ބައްދަލުވުމެއްގައިވެސް ޓްރަމްޕް ވަނީ އެ ސެނެޓަރުންނަކީ "މޮޔަބައެއް" ކަމަށް ވިދާޅުވެ ކޮންގްރެސްއަށް ވަރަށް ބޮޑަށް ކޯފާވެފައެވެ.

ޕެންޓަގަނުން ބުނާގޮތުގައި މިހާތަނަށް ހަނގުރާމައަށް 29 ބިލިއަން ޑޮލަރު ހޭދަވެފައިވީ ނަމަވެސް، މާހިރުން ބުނަނީ ހަގީގީ މާލީ ގެއްލުން މިއަށްވުރެ މާ ބޮޑުވާނެ ކަމަށެވެ. އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބާ ދިމާކޮށް، އާންމުންގެ މެދުގައި ނުރުހުން ބޮޑުވެފައިވާ މި ހަނގުރާމައިގެ ބަޖެޓު ކޮންގްރެސްއިން ފާސްކުރުމުގައި ޓްރަމްޕަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް