ހޮރްމޫޒް ކަނޑުއޮޅީގައި ދޭ ހަމަލާތައް އަނެއްކާވެސް ވަރުގަދަވެއްޖެ

އެމެރިކާއާއި އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުން އަލިމަގެއް ނުފެނި، ދުނިޔޭގެ އެންމެ މުހިންމު ތެޔޮ ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގައި ދެ ގައުމުން ދެމުންދާ އަސްކަރީ ހަމަލާތައް އަނެއްކާވެސް އިންތިހާއަށް ވަރުގަދަވެއްޖެއެވެ۔
އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހާމަކުރި ގޮތުގައި، އިރާނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ނެވިގޭޝަން ސިސްޓަމް ނިއްވާލައިގެން ދަތުރުކުރި ސުޕަ ތެޔޮ ޓޭންކަރެއް މައިންއެއްގައި ޖެހި، އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މީގެއިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައުސުލް ޚައިމާ ކައިރިން ދަތުރުކުރި ޓޭންކަރެއްގައި އަލިފާން ރޯވުމުން، އޭގައި ތިބި 22 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް ޔޫއޭއީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާތަކާ ގުޅިގެން އިރާނު ސިފައިންގެ ޗީފް އޮފް ސްޓާފް ހަބީބުﷲ ސައްޔާރީ ގައުމީ ޓީވީ މެދުވެރިކޮށް ވިދާޅުވީ، އިރާނުގެ ދިފާއުގައި އަދި އިސްވެ ހަމަލާދޭންޖެހޭ ހާލަތްތަކުގައިވެސް ހަމަލާދިނުމަށް ސިފައިން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. ދުނިޔޭގައި ކަނޑުމަގުން އުފުލާ ތެލުގެ ފަސްބައިކުޅައެއްބައި ދަތުރުކުރާ މި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އިރާނުން ދަނީ އުޅަނދުތަކަށް ހުރަސްއަޅައި ހަމަލާތައް އަމާޒުކުރަމުންނެވެ.
އަނެއްކޮޅުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އިރާނަށް ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ހަމަލާދޭ މަންޒަރު އާންމުކޮށްފައެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި، މިދިޔަ ޖުލައި މަހުން ފެށިގެން ހޮރްމޫޒް ކަނޑުއޮޅީގައި އިރާނަށް ހުރަސްއެޅުމަށް ފެށި އޮޕަރޭޝަންތަކުގައި އިރާނާ ގުޅުންހުރި ކޮމާޝަލް ހަތަރު އުޅަނދެއް ހުއްޓުވައި، 135 އާގުބޯޓާއި 10 ތެޔޮ ޓޭންކަރު ވަނީ ހަލާކުކޮށްލާފައެވެ. އަދި އެމެރިކާގެ ފިޔަވަޅުތަކާއެކު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އިރާނުން ތެޔޮ ބޭރުކުރުން މުޅިން ހުއްޓުވާފައިވާ ކަމަށްވެސް އެމެރިކާ ސަރުކާރުން ބުނެއެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)