logologologologo
STO
ދުނިޔެ

އީރާނުން ހަމަލާއެއް ދީފާނެކަމުގެ ބިރަށް އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ބޮންއަޅާ ބޯޓުތައް އެމެެރިކާއަށް ގެންގޮސްފި

އީރާނުން ހަމަލާއެއް ދީފާނެކަމުގެ ބިރަށް އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ބޮންއަޅާ ބޯޓުތައް އެމެެރިކާއަށް ގެންގޮސްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 07

އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ފެއާފަރޑް އަސްކަރީ މަރުކަޒުގައި ތިބި އެމެރިކާގެ ބީ-1 (B-1) މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް އެ ތަނުން ބަދަލުކޮށްފައިވަނީ، އީރާނާ ގުޅުންހުރި ބަޔަކު އެ މަރުކަޒަށް ޑްރޯން ހަމަލާއެއް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތުތަކަކާ ގުޅިގެން ކަމަށް އެމެރިކާގެ އިސް އޮފިޝަލުންތަކެއް ކަށަވަރުކޮށްދެއްވައިފިއެވެ. ނަމަވެސް، އީރާނުން ވަނީ މި ތުހުމަތުތައް މުޅިން ދޮގުކޮށް، އެފަދަ އެއްވެސް ރޭވުމެއްގައި އެ ގައުމުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފައެވެ.

މި ނުރައްކާތެރި ރޭވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ޚާއްސަ ތަހުގީގެއް ފަށާފައެވެ. އެގޮތުން، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ލަންޑަނުން އުމުރުން 22 އަހަރުގެ އިނގިރޭސި ރައްޔިތަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ކުރިންވެސް މި މައްސަލައިގެ ތުހުމަތުގައި ފަސް ފިރިހެނަކު ބަންދުކުރި ނަމަވެސް، ފަހުން އެ މީހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމެރިކާ އަސްކަރިއްޔާގެ ޔޫރަޕިއަން ކޮމާންޑުގެ ތަރުޖަމާނާ ސުވާލުކުރުމުން، ސަލާމަތީ އަދި ޖާސޫސީ ސަބަބުތަކަށްޓަކައި ވަކި ޚާއްސަ މައުލޫމާތެއް ހާމަކުރުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ ބީ-1، ބީ-2 އަދި ބީ-52 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކަކީ ދުނިޔޭގެ ކޮންމެ ސަރަހައްދަކަށްވެސް ކުއްލިއަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެއްކަން އޮފިޝަލު ފާހަގަކުރެއްވިއެވެ.

މި ހާދިސާއާއެކު، ޔޫރަޕްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް