އިތުރު ވަގުތުގައި ސްވިޒަލެންޑް ކަޓުވާލައި އާޖެންޓީނާ ސެމީއަށް!

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑުތަކާއެކު 3-1 އިން ސްވިޒަލޭންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި ބޮޑު މޮޅާއެކު، ތަށި ދިފާއުކުރުމުގެ އަޒުމުގައި ނުކުންނަ އާޖެންޓީނާއިން ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ވަރުގަދަ އިންގްލެންޑާއެވެ. މިއީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެއެވެ.
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން އާޖެންޓީނާއިން ވަނީ ކުރިއަށް ޖެހި، ސްވިޒަލެންޑުގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ.
- ފުރަތަމަ ލަނޑު (10 ވަނަ މިނެޓު): އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ކޯނަރަކުން، އެލެކްސިސް މެކް އަލިސްޓާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުކޮށްލައިގެން އާޖެންޓީނާއަށް ލީޑު ނަގައިދިނެވެ.
- ސްވިޒަލެންޑުން ނަތީޖާ ހަމަހަމަކުރުން (67 ވަނަ މިނެޓު): ލީޑު ލިބުމާއެކު އާޖެންޓީނާއިން ޑިފެންސިވް ކުޅުމަކަށް ބަދަލުވުމުގެ ފައިދާ ނަގައި، ނޮޓިންހަމް ފޮރެސްޓަށް ކުޅޭ ޑޭން އެންޑޯއީ ވަނީ ހިތްގައިމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލި ހާދިސާއެއް ހިނގިއެވެ. ސްވިޒަލެންޑްގެ ތަރި ބްރީލް އެމްބޯލޯއަށް ލެއާންޑްރޯ ޕަރަޑޭސް ފައުލްކުރި ކަމަށް ބަލައި ރެފްރީ ފުރަތަމަ ފައުލް ދެއްކިއެވެ.
ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެނގުނީ އެމްބޯލޯ އުޅުނީ ރެފްރީއަށް އޮޅުވާލަން ދަނޑުމައްޗަށް ޑައިވްކޮށްގެން ކަމަށެވެ. އެއާއެކު ރެފްރީ ވަނީ ޕަރަޑޭސްއަށް ދިން އަދަބު ބާތިލުކޮށް، ކުރިންވެސް ރީނދޫ ކާޑެއް އޮތް އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެކަކު މަދުކޮށް ކުޅެން ޖެހުމުން ސްވިޒަލެންޑުން ވަރުގަދައަށް ޑިފެންސްކޮށް، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން މެޗު އެއްވަރުކޮށް ހިފަހައްޓާލިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން ވަނީ މެޗުގެ ކޮންޓްރޯލް މުޅިން އަތުލާފައެވެ.
- ދެވަނަ ލަނޑު (112 ވަނަ މިނެޓު): ހޯސޭ މެނުއެލް ލޯޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާ ބޭރުން ގާތްގަނޑަކަށް 25 ޔާޑު ދުރުން ޖޫލިއަން އަލްވަރޭޒް ފޮނުވާލި ހިތްގައިމު، ބާރު ހަމަލާ ސީދާ ގޯލުގެ ކަނަށް އަމާޒުވެ، އާޖެންޓީނާއަށް ދެވަނަ ފަހަރަށް ލީޑު ލިބުނެވެ.
- ތިންވަނަ ލަނޑު: މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކުރަން ސްވިޒަލޭންޑުގެ ހުރިހާ ކުޅުންތެރިން ކުރިއަށް ޖެހުމުގެ ފައިދާ ނަގައި، އާޖެންޓީނާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި ލައުޓާރޯ މާޓިނޭޒް ވަނީ ގޯލެއް ޖަހައި 3-1 އިން މެޗު ކާމިޔާބުކޮށްދީފައެވެ.
މި މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަންނަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް 8 ގޯލު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި މެސީ އާއި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އޮތްއިރު، މި މުބާރާތުގެ ތެރެއިން މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ސައްތައިގެ ރެކޯޑު މުގުރާލާފައެވެ.
އިތުރަށް





.gif.gif&w=828&q=100)