ވޯލްޑް ކަޕް 2026: މިރޭ ފްރާންސް އާއި މޮރޮކޯގެ ކުރިމަތިލުން

އެމެރިކާގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފެށޭއިރު، މުބާރާތުގެ އެންމެ މަގުބޫލު އެއް ޓީމު ކަމަށްވާ ފްރާންސްއާއި އެފްރިކާގެ ޗެމްޕިއަން މޮރޮކޯ ބައްދަލުކުރާ ބޮޑު މެޗު މިރޭ ކުޅޭނެއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށޭނީ ރާއްޖޭގެ ގަޑިން މިރޭ މެންދަމު 01:00 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް ޖުލައި 14 ގައި ޑަލަސްގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ސްޕެއިން ނުވަތަ ބެލްޖިއަމްއާއެވެ.
ދެ ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އަދި އެންމެ ފަހުގެ ރަނަރަޕް ފްރާންސް މިހާތަނަށް މުބާރާތުގައި ދައްކާފައިވަނީ ވަރަށް ފުރިހަމަ ކުޅުމެކެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ޖުމްލަ 14 ގޯލު ޖަހާފައިވާއިރު، އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ މިހާތަނަށް 7 ގޯލާއި 2 އެސިސްޓާއެކު ރަން ބޫޓުގެ ރޭހުގެ ކުރީގައި އޮތް ކީލިއަން އެމްބާޕޭއެވެ. އޭނާގެ އިތުރުން އޮސްމާން ޑެމްބެލޭ، މައިކަލް އޮލީސޭ އަދި ބްރެޑްލީ ބާކޯލާ ހިމެނޭ އެޓޭކިންގް ލައިނަކީ މިހާރު ވޯލްޑް ކަޕްގައި އޮތް އެންމެ ނުރައްކާތެރި ފޯވާޑް ލައިނެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ދުނިޔެ ސިއްސުވާލި މޮރޮކޯއަކީ މިހާރު ހަމައެކަނި "ސަޕްރައިޒް" އެއް ނޫނެވެ. 2025 ގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ކާމިޔާބުކޮށް، ބަލިނުވެ 34 މެޗު ހަމަކޮށްފައިވާ މޮރޮކޯ މިހާރު ދުނިޔޭގެ ރޭންކިންގްގެ 6 ވަނައިގައި އޮވެ ނުކުންނަނީ ތަށި ހޯދުމުގެ އަޒުމުގައެވެ.
މޮރޮކޯއިން ވަނީ ގަދަ 32 ގައި ނެދަލެންޑްސް ޕެނަލްޓީން ބަލިކޮށް، ރައުންޑް 16 ގައި ކެނެޑާ އަތުން 3-0 އިން މޮޅުވެފައެވެ. ނަމަވެސް މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އިސްމާއިލް ސައިބާރީއަށް ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެތީއެވެ. ސައިބާރީގެ ބަދަލުގައި މިރޭ ފެންނާނެކަމަށް ބެލެވެނީ ސޫފިއާން ރަހީމީއެވެ. މޮރޮކޯގެ އެޓޭކް ބިނާވެގެންވަނީ މޮޅު ކުޅުމެއް ދައްކަމުންދާ ބްރަހީމް ޑިއާޒްގެ މައްޗަށެވެ.
މީގެ ކުރިން މި ދެ ޓީމު 6 ފަހަރު ބައްދަލުކޮށްފައިވާއިރު ފްރާންސް 4 މެޗުން މޮޅުވެފައިވެއެވެ. އަދި 2 މެޗު އެއްވަރުވިއެވެ. އެންމެ ފަހުން ބައްދަލުކުރީ 2022 ގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައެވެ. އެ މެޗު ފްރާންސް ކާމިޔާބުކުރީ 2-0 އިންނެވެ.
އޮޕްޓާ ސުޕަ ކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި ފުރިހަމަ ވަގުތުގެ ތެރޭގައި މެޗުން މޮޅުވުމުގެ 61.7 އިންސައްތަ ފުރުސަތު އޮތީ ފްރާންސް އަށެވެ. މޮރޮކޯ މޮޅުވުމުގެ ފުރުސަތަކީ 16.2 އިންސައްތައެވެ. އަދި މެޗު އިތުރު ވަގުތަށް ދިޔުމުގެ ފުރުސަތު 22.1 އިންސައްތައިގައި އޮތް ކަމަށް ދައްކައެވެ.
ޓީމުގެ ލަފާކުރެވޭ ލައިނަޕް
ފްރާންސް (4-2-3-1): މައިގްނާން (ގޯލްކީޕަރު)؛ ކޫންޑޭ، އުޕަމެކާނޯ، ސަލީބާ، ޑީގްނޭ؛ ކޯނޭ، ރާބިއޯ؛ ޑެމްބެލޭ، އޮލީސޭ، ބާކޯލާ؛ އެމްބާޕޭ.
މޮރޮކޯ (4-2-3-1): ބޯނޯ (ގޯލްކީޕަރު)؛ ހަކީމީ، ޑިއޮޕް، ރިޔާދު، މަޒްރާއުއީ؛ އެލް އައިނާއުއީ، ބޫއައްދީ؛ ޑިއާޒް، އޫނާހީ، އެލް ޚައްނޫސް؛ ރަހީމީ.
އިތުރަށް





.gif.gif&w=828&q=100)