އެކައުންޓިންގ ދާއިރާ ކުރިއަރުވައި މެންބަރުންނަށް ލުއިތަކެއް ދިނުމަށް އެލައިޑާއި ސީއޭ މޯލްޑިވްސް އެއްބަސްވުމަކަށް!

ރާއްޖޭގެ އެކައުންޓިންގ ސިނާއަތް އިތުރަށް ހަރުދަނާކުރުމަށާއި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސްއާއެކު މިއަދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
އެލައިޑް އިންޝުއަރެންސްގެ މައި އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެލައިޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އާދަމް އާތިފެވެ. އަދި ސީއޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޮޑީގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.
މި ފަހުމުނާމާގެ ދަށުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށާއި ދާއިމީ މުވައްޒަފުންނަށް އެލައިޑްގެ ޚިދުމަތްތަކުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަންތައްތައް:
- ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް: އެކައުންޓެންޓުންގެ ރަސްމީ ލައިސަންސް ހޯދުމަށް ގާނޫނުން ލާޒިމުކުރާ "ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް ކަވާ" އެލައިޑް ތަކާފުލް މެދުވެރިކޮށް ހާއްސަ އަގުތަކެއްގައާއި ލިޔެކިޔުންތައް މަދު ސާދާ އުސޫލަކުން ފޯރުކޮށްދޭނެއެވެ.
- ގްރޫޕް ހެލްތު އަދި ލައިފް ކަވަރޭޖް: ސީއޭ މޯލްޑިވްސްގެ މެންބަރުންނަށާއި ސްޓާފުންނަށް ހާއްސަ ޑިސްކައުންޓް ރޭޓުތަކެއްގައި ގްރޫޕް ހެލްތު އިންޝުއަރެންސް (ޞިއްޙީ ބީމާ) އާއި ގްރޫޕް ޓާމް ލައިފް ތަކާފުލްގެ ޚިދުމަތް ލިބިގެންދާނެއެވެ.
ސީއޭގެ ރައީސް ހަލީމް ވިދާޅުވީ، މެންބަރުންނަށް މިފަދަ ޑިސްކައުންޓް ރޭޓުތަކެއްގައި އިންޝުއަރެންސް ކަވަރޭޖް ލިބިގެންދިއުމަކީ މަސައްކަތް ކުރިއަށްގެންދިއުމުގައި ލިބޭނެ ވަރަށް ބޮޑު ލުޔަކާއި ފަސޭހައެއް ކަމަށެވެ.
މި ބައިވެރިވުމުގެ ތެރެއިން އެލައިޑް އިންޝުއަރެންސްއިން ސީއޭ މޯލްޑިވްސްގެ ކުރިއެރުމަށް އެހީތެރިވެދޭނެއެވެ. އެގޮތުން އެލައިޑް ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ސީއޭ މޯލްޑިވްސްގެ މެންބަރުންނަށްވުމަށް ބާރުއަޅާނެއެވެ.
ދެ ފަރާތް ގުޅިގެން މާލީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ދިވެހި މާކެޓާ ގުޅޭ ދިރާސާތައް ކުރުމާއި، އަދި އެކައުންޓިންގ ސިނާއަތުގެ މިންގަނޑުތައް ހަރުދަނާކުރުމަށް މައުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ ކަމަށް އެލައިޑުން ބުނެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގައި ނަޒާހަތްތެރި، ހާމަކަން ބޮޑު އަދި އިތުބާރު ހުރި މާލީ ނިޒާމެއް ގާއިމުކުރުމަށް ދެ މުއައްސަސާއިން ކުރާ މުހިންމު މަސައްކަތެކެވެ.

.gif.gif&w=828&q=100)

