ޣައްޒާ ޤަތުލުއާންމަށް 1000 ދުވަސް- އެމީހުންގެ ވޭނާއި ކެކުޅުން ނަންބަރުން

އިސްރާއީލުގެ އިސްތިޢުމާރީ ސަރުކާރުން 2023 ވަނަ އަހަރު އޮކްޓޫބަރު 7 ގައި ފެށި ޣައްޒާ ޤަތުލުއާންމަށް، ޖުލައި 2 ގައި 1000 ދުވަސްވީއިރު، އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާތައް ހުއްޓުވަން މުޅި ދުނިޔޭގެ އިތުރުން އިސްލާމީ އުއްމަތް ނުކުޅެދިފައިވާ ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ނަމަވެސް ފަލަސްޠީނުގެ ބިމަކީ ދުނިޔޭގެ ހުރިހާ މުސްލިމުންގެ ހިތްތަކާވެސް ފުންކޮށް ގުޅިފައިވާ، ދީނީ ގޮތުން ނުހަނު މުހިއްމު އަދި މުޤައްދަސް ބިމެކެވެ. މުސްލިމުންނަށް މި ބިން މުހިއްމުވާ މައިގަނޑު ސަބަބުތަކުގެތެރޭގައި ފުރަތަމަ ކަމަކަށް މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ އަލްމަސްޖިދުލް އަޤްޞާ (ބައިތުލް މަޤްދިސް) ހުރީ ފަލަސްޠީނުގެ ޤުދުސްގައެވެ. މިއީ މައްކާގެ މަސްޖިދުލް ޙަރާމް ފިޔަވައި، ބިމުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތެވެ.
ދެވަނަ ކަމަކަށް މުސްލިމުންނަށް ނަމާދުގެ ފަރުޟު ކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ކުރިމަތިލައިގެން ނަމާދުކުރި ފުރަތަމަ ޤިބުލައަކީ އަލްމަސްޖިދުލް އަޤްޞާއެވެ. ކަޢުބަތުއްﷲ ގެފުޅަށް ޤިބުލަ ބަދަލުކުރެއްވުމުގެ ކުރިން، މުސްލިމުން ގާތްގަނޑަކަށް 16 ނުވަތަ 17 މަސްވަންދެން ނަމާދުކުރީ އެ މިސްކިތަށް ކުރިމަތިލައިގެންނެވެ.
ތިން ވަނަ ކަމަކަށް ކީރިތި ރަސޫލާ محمد ﷺ މައްކާއިން ރޭގަނޑުގެ ވަގުތެއްގައި ކުރެއްވި މުޢުޖިޒާތުން ފުރިގެންވީ އިސްރާގެ ދަތުރުފުޅު ނިންމަވާލެއްވީ އަޤްޞާ މިސްކިތަށެވެ. އަދި އެތަނުން އުޑުތަކަށް ކުރެއްވި މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީވެސް އެ ބިމުންނެވެ. އެ ރޭ ރަސޫލާ ﷺ ވަނީ އެ މިސްކިތުގައި ހުރިހާ ނަބީބޭކަލުންނާއި ރަސޫލުންގެ އިމާމަކަށްވެވަޑައިގެން ނަމާދު ކުރައްވާފައެވެ.
ހަތަރުވަނަ ކަމަކަށް ފަލަސްޠީނަކީ ގިނަގުނަ ނަބީބޭކަލުންގެ ދިރިއުޅުއްވުމާއި، ދަޢުވަތާއި، އަދި ފަސްދާނުލެވިފައިވާ ބިމެކެވެ. އޭގެ ތެރޭގައި އިބްރާހީމްގެފާނު، ލޫޠުގެފާނު، އިސްޙާޤުގެފާނު، ޔަޢުޤޫބުގެފާނު، ޔޫސުފްގެފާނު، ދާއޫދުގެފާނު، ސުލައިމާނުގެފާނު، ޒަކަރިއްޔާގެފާނު، ޔަޙްޔާގެފާނު އަދި ޢީސާގެފާނު ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
ފަސްވަނަ ކަމަކަށް ކީރިތި ޤުރުއާނުގެ އެކި އާޔަތްތަކުގައި ފަލަސްޠީނާއި އެ ސަރަޙައްދުގެ ބިމަކީ ބަރަކާތްތެރި ކުރައްވާފައިވާ ބިމެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ. ސޫރަތުލް އިސްރާގެ ފުރަތަމަ އާޔަތުގައިވެސް އަޤްޞާ މިސްކިތުގެ ވަށައިގެންވާ ބިމަކީ ބަރަކާތްލައްވާފައިވާ ތަނެއްގެ ގޮތުގައި ﷲ ސިފަކުރައްވާފައިވެއެވެ.
މި ހުރިހާ ސަބަބުތަކަކަށްޓަކައި، ފަލަސްޠީނުގެ ބިމާއި ބައިތުލް މަޤްދިސް މިނިވަންކޮށް ހިމާޔަތްކުރުމަކީ ހަމައެކަނި އެތަނުގެ ރައްޔިތުންގެ ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ ކޮންމެ ކޮޅެއްގައި ހުރި މުސްލިމެއްގެ ޢަޤީދާއާއި އިސްލާމީ ޒިންމާއާ ސީދާ ގުޅިފައިވާ މުހިއްމު ކަމެކެވެ.
މި މުނާސބަތާއި ގުޅިގެން ހިތާމަ ފާޅުކޮށް ބަޔާން ނެރުނު އެއް ޖަމާޢަތަކީ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތް ކުރާ، އެހީ ދޭ ޖަމްޢިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރަން" އެވެ.
އެ ޖަމްޢިއްޔާގެ ބަޔާނުގައި ބުނީ ޣައްޒާގައި އެތައް ލައްކަ ކުދިންނެއް ގެދޮރުން މަހުރޫމްވެ، ތަޢުލީމު އުގެނުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި އެކުދިންގެ ގެދޮރާއި، މަދަރުސާތަކާއި އަދި ރައްކާތެރިކަމުގެ އިހުސާސް ގެއްލިފައިވީ ނަމަވެސް، ކުޑަކުދިން އަދިވެސް ސުލްހައަށް ހުވަފެން ދެކެމުންދާ ކަމަށެވެ.
"ވޭތުވެދިޔަ 1،000 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް، ދުނިޔެ ވަނީ ޣައްޒާގެ އެއް މިލިއަން ކުޑަކުދިންނަށް އެހީތެރިވުމުގައި ނާކާމިޔާބުވެފައި. އެއީ ކުޑަކުދިން މެރުމާއި އެކުދިންނަށް އަނިޔާކުރުން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ،" ސޭވް ދަ ޗިލްޑްރަންގެ މިޑްލް އީސްޓް، ނޯތު އެފްރިކާ އަދި އީސްޓަން ޔޫރަޕްގެ ރީޖަނަލް ޑިރެކްޓަރ އަހުމަދު އަހެންދާވީ ވިދާޅުވިއެވެ.
އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި 800،000 އަށްވުރެ ގިނަ ކުޑަކުދިން (ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތަ) ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، ސުކޫލު އުމުރުގެ 625،000 ކުދިންނަށް ރަސްމީ ތަޢުލީމުގެ ތިން އަހަރު ވަނީ ގެއްލިފައެވެ. ސޭވް ދަ ޗިލްޑްރަންއާ ވާހަކަ ދެއްކި ކުދިން ބުނި ގޮތުގައި، އެކުދިން ދިރިއުޅެމުންދަނީ އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް، އުޖާލާ މުސްތަޤްބަލަކަށް ކުރާ އުންމީދު އެކުދިން ދޫކޮށެއް ނުލައެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހަނިވެފައިވުމުގެ ސަބަބުން، ކާނާއަށް ޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ އޭގެ އަސަރުކޮށްފައިވާ ގާތްގަނޑަކަށް 245،000 ކުޑަކުދިން ތިބުމާއެކު، އިންސާނީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ދަނީ ގޯސްވަމުން ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
ދާދިފަހުން އދ. ގެ ކޮމިޝަން އޮފް އިންކުއަރީން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ގަސްތުގައި ފަލަސްޠީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ. މިކަމަށް އިޝާރާތްކޮށް އެ ޖަމްޢިއްޔާއިން ވެސް ވަނީ ވަގުތުން އަދި ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓާލުމަށާއި، ކުޑަކުދިންނާ ދެކޮޅަށް ހިންގާ ކުށްތަކަށް ޒިންމާދާރުކުރުވުމަށާއި، އަދި އިސްރާއީލަށް ހަތިޔާރު ފޮނުވުން ހުއްޓާލުމަށް ގޮވާލާފައެވެ.
ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ލޭއޮހޮރުވުމަށް 1،000 ދުވަސް ވެފައިވާއިރު، އިސްރާއީލުން ޣައްޒާގެ 80 އިންސައްތައަށްވުރެ ބޮޑު ސަރަޙައްދަކަށް އަތްގަދަކޮށްފައިވާ ކަމަށާއި، އަދި ޣައްޒާއަށް ހަމަލާދިނުމަށް 223،000 ޓަނަށްވުރެ ގިނަ ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، 73،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 21،500 އަށްވުރެ ގިނަ ކުޑަކުދިންނާއި 12،500 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 9،500 އެއްހާ މީހުން އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން، ޖުމްލަ 173،514 ފަލަސްޠީނު މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި 433 ނޫސްވެރިން ހިމެނެއެވެ. އަދި 5،400 މީހެއްގެ ގުނަވަންތައް ބުރިކުރަން ޖެހިފައިވާއިރު، އޭގެ ތެރެއިން 18 އިންސައްތައަކީ ކުޑަކުދިންނެވެ.
މީގެ އިތުރުން، ވާގިނެތުމުގެ (ޕެރަލައިސިސް) 1،500 ކޭސް އަދި ލޮލުގެ ފެނުން ގެއްލުމުގެ 1،200 ކޭސް އެ އޮފީހުން ރެކޯޑުކޮށްފައިވެއެވެ. އަދި 58,800 އަށްވުރެ ގިނަ ކުދިން ޔަތީމުވެފައިވާއިރު، ގައިންގަޔަށް އަރާ ބަލިތަކުގެ 2.14 މިލިއަނަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ވައިރަލް ހެޕަޓައިޓިސްގެ 71،338 ކޭސް ހިމެނޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އިސްރާއީލުން 1،047 މިސްކިތް އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު، 210 މިސްކިތަކަށް އެކި ވަރުގެ ގެއްލުންތައް ދީފައިވެއެވެ. އަދި 3 ފައްޅިއަކަށް ހަމަލާދީ، މިސްކިތްތަކުގެ އިމާމުންނާއި، ޤުރުއާން މުދައްރިސުން ހިމެނޭގޮތަށް ދީނީ ކަންކަމުގައި އުޅޭ 312 ބޭފުޅުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގެ 38 ހޮސްޕިޓަލަކާއި 96 ޞިއްޙީ މަރުކަޒެއް ހަލާކުކޮށްލައި ނުވަތަ ޚިދުމަތުން ބޭރުކޮށްލާފައިވާ ކަމަށާއި، 197 އެމްބިއުލެންސަކާއި، ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ 84 އުޅަނދެއްގެ އިތުރުން ސިވިލް ޑިފެންސްގެ 16 މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ސީދާ ލިބުނު މާލީ ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 80 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ލިބުނު 34 ބިލިއަން ޑޮލަރުގެ ގެއްލުން ހިމެނެއެވެ. މި ބަޔާނުގައިވާ ގޮތުން އިސްރާއީލުން ވަނީ 335،000 ޢިމާރާތާއި ބޯހިޔާވަހިކަމުގެ ޔުނިޓު އެއްކޮށް ސުންނާފަތިކޮށްލާފައެވެ. އަދި އިތުރު 737،000 ތަނަކަށް އެކި ވަރުގެ ގެއްލުންތައް ދީފައެވެ.
އިސްރާއީލުން މި ނަސްލު ނައްތާލުމުގެ ހަމަލާތައް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވި، އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 ގައެވެ.
ނަމަވެސް، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ބޮން އެޅުމާއި، ޣައްޒާ ހިސާރުކުރުން ވަރުގަދަކުރުމާއި، އަދި އެކަށީގެންވާ މިންވަރަށް އިންސާނީ އެހީއާއި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެވިޔަނުދީ ހިފަހައްޓައި، އެއްބަސްވުމާ ޚިލާފުވަމުންނެވެ.
އެއްބަސްވުމާއި އެއްގޮތަށް ހަމަލާތައް ހުއްޓާލި ނަމަވެސް އެ ސަރަޙައްދު އަލުން ބިނާކުރުމަށް އެތައް އަހަރެއް ހޭދަކުރަންޖެހޭ ވަރަށް ޣައްޒާ ވަނީ ސުންނާފަތިކޮށްލާފައެވެ. އދ. ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމް (ޔޫއެންއީޕީ) އާއި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ޣައްޒާގައި މިހާރު 42 މިލިއަން ޓަނަށްވުރެ ގިނަ ގާކުނޑި ވަނީ އުފެދިފައެވެ. މިއީ މިޞްރުގެ ގިޒާގެ ބޮޑު އަހުރާމް ފަދަ 11 އަހުރާމް ބިނާ ކުރެވޭނެހާ މިންވަރެވެ.
ޣައްޒާގެ ރައްޔިތުން މިވަގުތު ތަހައްމަލު ކުރަމުންދަނީ މިޒަމާނުގައި ދުނިޔެ ދުށް އެންމެ ހިތްދަތި އަދި ނުރައްކާތެރި އިންސާނީ ކާރިސާއެވެ. އދ. ގެ އިދާރާތަކާއި ބައިނަލްއަޤުވާމީ ރިޕޯޓުތަކުން ދައްކާގޮތުގައި، ޣައްޒާގެ އާބާދީ %85 އަށްވުރެ ގިނަ މީހުން ވަނީ އެތައް ފަހަރަކު އެއްތަނުން އަނެއްތަނަށް ހިޖުރަކުރަން ޖެހި، ރައްކާތެރި ބޯހިޔާވަހިކަމެއް ނެތިފައެވެ.ގިނަބަޔަކު ދިރިއުޅެނީ ކުދި ފޭލިގެތަކުގައެވެ.
އާބާދީގެ %70 އަށްވުރެ ގިނަ މީހުން ބޯފެން ހޯދަނީ އދ. އިން ބަހާ ފެން ބޯސަރުތަކުންނެވެ. ސާފުކުރާނެ މެޝިނަރީތަކާއި އިންޖީނުތެޔޮ ނެތުމުގެ ސަބަބުން، މަގުތަކުގައާއި ހިޔާވަހިކަން ހޯދާ ސަރަހައްދުތަކުގައި ކުނިތައް ދަނީ ޖަމާވަމުންނެވެ. މީގެ ސަބަބުން މީދަލާއި ފަނިފަކުސަ ގިނަވެ، ބަލިމަޑުކަން ފެތުރުން ވަނީ އާންމުވެފައެވެ.
ޣައްޒާއަށް އެހީގެ ސާމާނު ވައްދާ ބޯޑަރުތައް ބަންދުކޮށް، ހުރަސްތައް ކުރިމަތިކުރުމުގެ ސަބަބުން ކާބޯތަކެތި ވަނީ ހުސްވެފައެވެ.
ހޮސްޕިޓަލްތަކާއި މެޑިކަލް ސެންޓަރުތަކަށް ބޭނުންވާ ޖެނެރޭޓަރު ތެލާއި، މެޑިކަލް ސާމާނާއި، ސްޕެއާޕާޓްސް އެތެރެކުރުން މަނާކޮށްފައިވުމުން ސިއްހީ ޚިދުމަތްތައް ދަނީ މުޅިން ހުއްޓެމުންނެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި، ބެލެނިވެރިންނާ ވަކިވެފައިވާ ނުވަތަ އެކަނިވެރިވެފައިވާ 7,300 އަށްވުރެ ގިނަ ކުޑަކުދިން މިހާރު ޣައްޒާގައި އެބަތިއްބެވެ.
މެދުކެނޑުމެއްނެތް ބޮން އެޅުމާއި، އާއިލާގެ މެންބަރުން ގެއްލުމުގެ ސަބަބުން މުޅި އާބާދީއަށް ވަނީ ނަފްސާނީ ބޮޑު ޝޮކެއް ކުރިމަތިވެފައެވެ.
ކުރުކޮށް ބުނާނަމަ، ޣައްޒާގެ ރައްޔިތުން މިވަގުތު ދިރިއުޅެމުންދަނީ ފެނާއި، ކާނާއާއި، ބޭހާއި، ރައްކާތެރިކަމުން މަޙްރޫމްވެފައިވާ، އަދި ކޮންމެ ސިކުންތެއްގައިވެސް ފުރާނައަށް ނުރައްކާވެދާނެ ފަދަ ބިރުވެރި މާޙައުލެއްގައެވެ.
އިތުރަށް





.gif.gif&w=828&q=100)