logologologologo
STO
ޚަބަރު

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވައިފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 02

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި މި އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ (ޖުލައި 4) ނިޔަލަށެވެ. އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މާލީ ދާއިރާއިން އާންމުންނަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. ރައީސްގެ އަރިހުގައި މާލީ ވަޒީރު ޙަސަން ޒަރީރާއި، ސަރުކާރުގެ ބައެއް އެހެން ވަޒީރުންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވައްރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯއަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހިލޭ ވަނީ ހުޅުވާލެވިފައެވެ.

މި ފަހަރުގެ އެކްސްޕޯގައި މާލީ ދާއިރާގެ ގިނަ މުއައްސަސާތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ވިޔަފާރި ބޭންކުތަކާއި ފައިނޭންސިންގް އިދާރާތައް
  • އިންޝުއަރެންސް ކުންފުނިތައް
  • ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކާއި ސަރުކާރުގެ މުއައްސަސާތައް
  • މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ވަކިވަކި ބޭންކުތަކަށް ނުވަތަ އޮފީސްތަކަށް ދިއުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ މާލީ އުފެއްދުންތަކާއި ޚިދުމަތްތައް އަޅާކިޔާލުމުގެ ފުރުސަތު މި އެކްސްޕޯއިން ލިބިގެންދާނެއެވެ.

އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމާއި، ލޯނަށް އެދުމާއި، އިންޝުއަރެންސް ނެގުމުގެ އިތުރުން މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުމުގެ އަމަލީ އިރުޝާދު ކައުންޓަރުތަކުން ލިބޭނެއެވެ. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ފައިސާ ދޫކުރާ އިދާރާތަކާ ސީދާ ބައްދަލުކޮށް، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރި ފުޅާކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެއެވެ.

މި އެކްސްޕޯއަކީ ހަމައެކަނި މާލީ މައުލޫމާތު ދޭ ތަނެއް ނޫނެވެ. އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ހަރަކާތްތަކެއްވެސް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

އަދި މި ދާއިރާގެ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ޚާއްޞަކޮށްގެން، ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުންކޮށް މަޝްވަރާކުރުމަށް ބާއްވާ ޕެނަލް ޑިސްކަޝަންތައް ޖުލައި 2 (މިއަދު) އަދި ޖުލައި 4 (ހޮނިހިރު) ގައި ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް