logologologologo
STO
ޚަބަރު

މިއަހަރުގެ ތެރޭގައި ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތައް އިޢުލާނު ކުރާނެ: ރައީސް ޑރ. މުއިއްޒު

މިއަހަރުގެ ތެރޭގައި ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތައް އިޢުލާނު ކުރާނެ: ރައީސް ޑރ. މުއިއްޒު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 29

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަނޑައަޅައި، މިއަހަރުގެ ތެރޭގައި އެ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، ފްލެޓާއި ގޯތި ދިނުމުގެ ކަންކަން ކުރިއަށްދާނީ އެއްވެސް ނުފޫޒެއް ނެތި، މުޅިން ދެފުށް ފެންނަ އުސޫލަކުން ކަމަށެވެ.

ފްލެޓާއި ގޯތި ދިނުމުގައި ވަކި ފަރާތަކަށް ޖެހުމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

"އިރާދަކުރެއްވިއްޔާ މިސަރުކާރުންދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީވެ ލިބޭ އެއްޗަކަށް ނުވާނެ. އެ ޔަގީންކަން އަޅުގަނޑު ދެން. މިސަރުކާރުންދޭ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހާއަށް ހައްގުވީމަ އެމީހާގެ ހައްގު އަދާކުރުމުގެ ގޮތުން." — ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި، ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަފްސީލުތައް ރަނގަޅަށް ވެރިފައިކުރުމަށްފަހު، ފްލެޓް ލިބޭނީ ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޕޮއިންޓް ހަމަވާ ތަރުތީބުންނެވެ. މިއަހަރު އާންމުކުރާ ލިސްޓުން، ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ކޮން ފްލެޓެއްކަން އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްދާ ފްލެޓްތަކުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ގިނަ އިމާރާތްތަކުގެ ކޮންކްރީޓް ފައުންޑޭޝަން (ބިންގާ) އެޅުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ މެއި، ޖޫން ނުވަތަ ޖުލައި ހިސާބުގައި މާލެ ސަރަހައްދުގެ ހުރިހާ ފްލެޓްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ %60 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އަނެއްކާވެސް މަސައްކަތް ބާރަށް ކުރިއަށްގެންދަން ވަނީ ތައްޔާރުވެފައެވެ.

މި މަޝްރޫޢު އަވަސްކުރުމަށްޓަކައި ދެން ބޭނުންކުރާނީ 2 ޑްރެޖަރު ކަމަށާއި، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމަށް ރައީސް ހާމަކުރެއްވިއެވެ. ރަސްމާލެ ހިއްކާ ނިމުމާއެކު ގޯތި ލިބޭ ފަރާތްތަކަށްވެސް އެކަން މިއަހަރު އަންގާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް