logologologologo
STO
ވިޔަފާރި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޔޫއެސް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޔޫއެސް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 30

ބޭންކް އޮފް މޯލްޑިވްސްއިން ފީގެގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމައިފިއެވެ.

 ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއިއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއިއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ.

"އިންވެސްޓްމަންޓްސް ބައި ބީއެމްްއެލް" ތައާރަފުކުރީ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ނޫސްވެރިންނާ އެކު ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި "ޗެޓު ވިތު ސީއީއޯ" ބައްދަލުވުމުގަ އެވެ. 

އެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މި ހިދުމަތް ތައާރަފުކުރުމުން އެ ބޭންކުގައި ކޮންމެ މީހަކަށް ވެސް ދެން ޑޮލަރު އިންވެސްޓުކޮށް، ފައިދާ ހޯދޭނެ ކަމަށެވެ. މި ހިދުމަތް ތައާރަފުކުރީ ބޭންކުން ކުރާ މުއާމަލާތްތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަށްޓަކައި އިތުރު އިންވެސްޓަރުން ހޯދުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހިދުމަތް މިއަދު ލައިވް ކުރަން ނިންމާފައިވާއިރު، ބީއެމްއެލް އިންޓަނެޓް ބޭންކިންގައި ގާއިމްކޮށްފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބޭންކުގައި ކޮންމެ މީހަކަށް ވެސް ޑޮލަރު އިންވެސްޓްކުރެވޭނެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް "އިވެންސްޓްމަންޓްސް"ގައި ޑޮލަރު އިންވެސްޓްކުރާ ކަސްޓަމަރުންނަށް 25 ޕަސެންޓުގެ ޕްރޮފިޓް ނުވަތަ ފައިދާ ލިބޭނެ އެވެ. އެ ދުވަހަކު އިންވެސްޓްކުރާ ޑޮލަރަށް ވާ ދިވެހި ރުފިޔާ ވަގުތުން ޖަމާކޮށްދޭއިރު، އެއަށް ޖެހޭ ފައިދާ ވެސް މުއާމަލާތް ފުރިހަމަވުމުން ޖަމާކޮށްދޭނެ އެވެ.

މި ހިދުމަތް ތައާރަފްކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ، އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު 2 ގުނައަށް ވުރެ ވެސް އިތުރުވެ، ކޮންމެ މަހަކު 250،000،-300،000އާ ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އެންމެ މުހިންމު ސަބަބަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަ އީ-ކޮމާސް) އިތުރުވެގެން ދިއުމެވެ.

"މިއީ ރާއްޖޭން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާ އެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށް ވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި،" އޭނާ ވިދާޅުވި އެވެ.

"ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް."

މި ކުރިއެރުމަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެކެވެ. މިއާ އެކު، ގިނަ ފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާ އެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް. ކާޑުގެ މުއާމަލާތްތައް އިތުރުވެގެން ދިއުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން. ވޭތުވެދިޔަ 36 މަސްދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު އާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފައި. މީގެ ތެރެއިން ގާތްގަޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުއާމަލާތްތަކަށް."

ޝަރީފް ވިދާޅުވި ގޮތުގައި، އެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނައިރު، ދެމެހެއްޓެނިވި ގޮތެއް ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ހިދުމަތަކަށް ދަތިވާ ގޮތަށް ނުވަތަ މެދުކެނޑޭ ގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ ބީއެމްއެލް އިން ބޭނުންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ހިދުމަތް ދިނުމަށް. އެހެންކަމުން ވަރަށް ވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި ކާޑުގެ ހިދުމަތް ބޭނުން ފަރާތްތަކަށާ އަދި ބޭންކަށް ވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރީ،" އޭނާ ވިދާޅުވި އެވެ.

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކާއި ފީ ނަގާ އެހެން ބައެއް މުއާމަލާތްތަކުގައި އިންވެސްޓް ކުރުމަށް ފަހު އެ މުއާމަލާތްތަކުން ލިބޭ ފީ އެ މުއާމަލާތް ހިންގުމުގެ ހަރަދު ކެނޑުމަށް ފަހު އިންވެސްޓް ކުރާ ފަރާތަށް ދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑު ޕޭމަންޓްތަކާއި އީ-ކޮމާސް ވިޔަފާރިތަކާއި މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީ ދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށް ވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް