logologologologo
STO
ޚަބަރު

މި ވޯލްޑް ކަޕަކީ ކާރިސާއެއް ކަމަށް އީރާން ޓީމުގެ ކެޕްޓަން ބުނެފި

މި ވޯލްޑް ކަޕަކީ ކާރިސާއެއް ކަމަށް އީރާން ޓީމުގެ ކެޕްޓަން ބުނެފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 27

ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް އިންތިޒާމުކުރުމުގައި ފީފާ އާއި އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާގެ ޓީމާ މެދު ކަންތައް ކުރީ "ބޭއިންސާފުން" ކަމަށް ​އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، މެހްދީ ތަރޭމީ ބުނެފިއެވެ.

​"މިއީ ބޮޑު ޑިޒާސްޓަރެއްގެ ވޯލްޑް ކަޕެއް" މިއަދު ހެނދުނު މިސްރާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ތަރޭމީ ބުންޏެވެ.

އޭނާ ވަނީ ޖޫން 11 ގައި މުބާރާތް ފެށުނީއްސުރެ އެ ޓީމަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކޮށްދިނުމަށް ފީފާ ނުކުޅެދިފައިވާތީ ހިތާމަފާޅުކޮށްފައެވެ.

​"މިތަނުގައި ދިމާވާ ކޮންމެ މައްސަލައެއް ހައްލުކުރަންޖެހޭނީ ފީފާ. ނަމަވެސް ހިތާމައަކީ، މުބާރާތް ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އެމީހުންނަށް އެއްވެސް ކަމެއް ހައްލެއް ނުކޮށްދެވުނު." ތަރޭމީ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗަށްފަހު، ފީފާގެ ރައީސް އިންފަންޓީނޯ އީރާނު ޓީމުގެ ލޮކަރރޫމަށް ވަޑައިގެން މީ ހަމައެކަނި ފެށުމޭ ވިދާޅުވި ނަމަވެސް ގްރޫޕް ސްޓޭޖު ނިމުނުއިރުވެސް އަދިވެސް ޓީމުގެ ލޮޖިސްޓިކްސް ބަލަހައްޓާ މީހުންނަށް ވިސާ ނުލިބުމުގެ ސަބަބުން އެމީހުން ޓީމާއެކުގައި ނެތް ކަމަށެވެ.

​އެހެން ޤައުމުތަކުގެ ޓީމުތަކަށް އެމީހުންގެ ފުރިހަމަ ސަޕޯޓް ސްޓާފުންނާއެކު ތިބުމުގެ ފުރުސަތު ލިބިފައިވާއިރު، އީރާނު ޓީމުގެ މުހިންމު ގިނަ ސަޕޯޓް ސްޓާފުންނަށް ވަނީ ވިސާ ނުދީ ހިފަހައްޓާފައެވެ.

​މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިސްރު މެޗަށްފަހު، އެމެރިކާގެ ޕެސިފިކް ނޯތުވެސްޓް ސިޓީއެއް ކަމަށްވާ ސިއެޓްލް ދޫކޮށް، މެކްސިކޯގެ ޓިހުއާނާއަށް ދިއުމަށްޓަކައި އޭނާ އާއި އޭނާގެ ޓީމުގެ ކުޅުންތެރިންނަށް އެތައް ގަޑިއިރެއްގެ އިތުރު ދަތުރެއް ކުރަންޖެހުމުން ތަރޭމީ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިއީ އެހެން އެއްވެސް ޓީމަކަށް ކުރަންޖެހިފައިވާ ދަތުރެއް ނޫނެވެ.

​މި މުބާރާތުގައި އީރާނު ޓީމުން އެންމެ ފުރަތަމަ ބޭސް ކޭމްޕް ހަދަން ނިންމާފައިވަނީ އެމެރިކާގެ ސައުތުވެސްޓަން ސްޓޭޓެއް ކަމަށްވާ އެރިޒޯނާގެ ޓޫސަންގައެވެ. ނަމަވެސް މެދުއިރުމަތީގައި އެމެރިކާ އާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން، މޭ މަހުގެ ފަހުކޮޅު އެ ޓީމުގެ ކޭމްޕް ވަނީ މެކްސިކޯއަށް ބަދަލުކޮށްފައެވެ.

​މި ހަމަނުޖެހުންތައް ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން، ތެހެރާނުން ރައްދުގައި ދޭންފެށި ހަމަލާތަކަކަށްފަހުއެވެ.

​އީރާނުގެ ސްކޮޑާއި އެމީހުންގެ އޮފިޝަލުން ތަކުރާރުކޮށް ބުނަމުންދަނީ، މެޗުތައް ކުޅުމަށްޓަކައި އެމެރިކާއަށް އެތެރެވުމުގައާއި އެމެރިކާއިން ބޭރުވުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
​"އަހަރެމެން މެކްސިކޯގެ ރައްޔިތުންދެކެ ލޯބިވަން. އަހަރެމެން ޓިހުއާނާދެކެ ލޯބިވަން. ނަމަވެސް، ޕްރޮފެޝަނަލް ކުޅުންތެރިންނަށްވެފައި، ޕްރޮފެޝަނަލް މުބާރާތެއްގައި މިގޮތަށް ކަންތައްވުމަކީ ރަނގަޅު ގޮތެއް ނޫން،" ތަރޭމީ ބުންޏެވެ.

​އެހެން ޓީމުތަކާ ހިލާފަށް، އީރާނު ޓީމަށް ދަތުރުފަތުރުގެ ގޮތުގައި ކުރަންޖެހޭ އިތުރު ގަޑިތަކުގެ ސަބަބުން، ކުޅުންތެރިންނަށް އަރާމުކުރާނެ ވަގުތެއް ނުލިބެއެވެ. "ރިކަވަރީއެއް ނެތް، އެއްވެސް ކަމެއް ނެތް، މިއީ އެއްގޮތަކަށްވެސް އިންސާފެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އީރާނުން ގުރޫޕް ސްޓޭޖްގެ 3 މެޗް ކުޅެފައިވާއިރު، އެ ޓީމް ވަނީ އެއްވެސް މެޗަކުން ބަލިނުވެ 3 މެޗުން ވެސް އެއްވަރުވެފައެވެ. ތިން މެޗުން ލިބުނު 3 ޕޮއިންޓާއެކު ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައި އޮތުމަށްފަހު މިހާރު އެ ޓީމު ވަނީ މުބާރާތަށް އަލްވަދާޢު ކިޔައިފައެވެ.

ޓީމަށް ކުރިމަތިވި ​މި ހުރިހާ ދަތިތަކާއި ނުތަނަވަސްކަމުގެ ތެރެއިން ވެސް އެމީހުން ދައްކުވައިދިނީ ކުޅިވަރުގެ ރޫޙެވެ. އީރާނު ޓީމުން ކުޅުނު ފަހު މެޗުގައި އެމީހުން ވަނީ ލޮސް އެންޖެލިސްގެ ސްޓޭޑިއަމްގެ ލޮކަރ ރޫމުގައި "ދުނިޔެއަށް ސުލްޙަ އާއި އިޙްތިރާމް" އަށް ގޮވާލާ ސިޓީއެއް ބާއްވައިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް