5 މިލިޔަން ގަސް ޕްރޮގްރާމްގެދަށުން 10 ރަށެއްގައި ނާސަރީ އަޅަން ސަރުކާރުން އެހީ ދީފި

މި ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް އެހީ (ގްރާންޓް) ދީފިއެވެ.
ސަރުކާރުން ބުނީ މި ނާސަރީތަކުން ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްކަމަށްވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ މަސައްކަތް ކުރާނެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނާސަރީ އެޅުމަށްޓަކައި ގްރާންޓް ދީފައިވާ ރަށްތަކުގެ ކައުންސިލްތަކާއިއެކު ވަނީ ސޮއިކޮށްފައެވެ. މި ރަށްތަކުގެތެރޭގައި ހިމެނެނީ ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލި، ތ. ކިނބިދޫ، ތިނަދޫ ސިޓީ އަދި ގއ. ދާންދޫއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އައިއިރުގައި 1.6 މިލިޔަން ގަސް އިންދާފައިވާކަމަށެވެ. މިދިޔަ ރިޔާސީ ބަޔާނުގައި މިއަހަރަށް 1 މިލިޔަން ގަސް އިންދުމަށް ރައީސް ކަނޑައަޅުއްވާފައިވާއިރު އަހަރުގެ މިހާތަނަށް 6 ލައްކަ ގަސް އިންދާފައިވާކަމަށާ އެހެންކަމުން މި އަމާޒު އަހަރު ނިމުމުގެ ކުރިން އެކަން ޙާޞިލްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
5 މިލިޔަން ގަސް އިންދުމަށް ނާސަރީތައް ހެދުމަށްޓަކައި ގްރީން ފަންޑުގެ ދަށުން 32 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެންމެ ފުރަތަމަ 10 ރަށަކަށް ގްރާންޓް ދެވިގެންދާއިރު މި ރަށްތައް ކަނޑައެޅުމުގައި ވަރަށް ބޮޑަށް ބަލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ނާސަރީއެއް އެޅުމަކީ ފުދޭވަރެއްގެ ބިމެއް ބޭނުންވާކަމެއް ކަމަށާ ފުރަތަމަ ބެލީ 5000 އަކަފޫޓުގެ ބިމެއް ހުރި ތަންތަން އަދި 5000 ގެ އިތުރުން އެ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ވަކި ކަމެއް މިކަމަށް ދެވިފައި ހުރި ރަށްރަށަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެއާއިއެއްކޮށް ކޮންމެވެސް ވަރަކަށް މިކަން ކުރަމުންދާ ރަށްރަށައްވެސް އަޅުގަނޑުމެން ހުންނާނެ ޚާއްސަކަމެއްދީފައި. މި 10 ރަށަކީ މިއީ ފެށުމެއް. ކުރިއަށްއޮތް ތަނުގައި މި ނާސަރީތައް ފުޅާކުރަމުން ދާނަން. މިއަދު މިދެވޭ 5 ލައްކަ ރުފިޔާއަކީ ހަމަ ޚާއްސަކޮށް މިކަމަށް މި ނާސަރީ ބިނާކުރުމަށް ދެވޭ ގްރާންޓެއް. މީގަ އަޅުގަނޑުމެން މިއޮތީ ޓާގެޓްކޮށްފައި މި ގްރާންޓް ދެވޭތާ 7 މަސް ތެރޭގައި މި ނާސަރީތައް ނިންމާ އެޅުން." ވަޒީރު ވިދާޅުވިއެވެ.
މި ނާސަރީތަކުން އުފައްދާ ގަސްތައް ކައިރި އެހެން ސަރަހައްދުތަކަށް ގެންގޮސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ 2024 ވަނަ އަހަރު ތިމާވެށީގެ ދުވަހުއެވެ.
އިތުރަށް





.gif.gif&w=828&q=100)