logologologologo
STO
ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ޖުލައި 26 ގެ ކުރިން ނިމޭނެ. އެމްޓިސީސީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ޖުލައި 26 ގެ ކުރިން ނިމޭނެ. އެމްޓިސީސީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 22

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ޖުލައި 26 ގެ ކުރިން ނިމޭނެ ކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓިސީސީން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގެ މަގު ފުޅާކޮށް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ މަގު އެއްވަރުކޮށް ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށާ އަދި އެ މަގުގެ ހުރިހާ މަސައްކަތްތަކެއް ޖުލައި 26 ގެ ކުރިން ނިމެނޭ ކަމަށެވެ.

މި މަޝްރޫއުގެ ފޭސް އެކެއްގެ ނަރުދަމާ އާއި ފެން ލައިނު ގުޅުމުގެ 100 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށް އެ ކުންފުނިން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ. އަދި މައި ފެން ހޮޅިލުމުގެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމޭނެ ކަމަށް ބުންޏެވެ.

އެމްޓީސީސީން ބުނި ގޮތުގައި ސެގްމެންޓް 3 ސަބްގްރޭޑިން މަސައްކަތްތައް ވެސް ފެށުމަށް ރާވާފައިވާއިރު ދުވާރު ހެދުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދެއެވެ. 

މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލާ އުޅަނދުތަކާއި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މުޅި މަޝްރޫއު އެއްކޮށް ނިމުމުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން މާރުކޭޓު ސަރަހައްދާ ހަމައަށް މަގު ފުޅާވެ، ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ޒަމާނީ މަގަކަށް ބޮޑުތަކުރުފާނު މަގު ބަދަލުވެގެންދާނެއެވެ.

​144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 21 އޮގަސްޓް 2025 ގައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލީ 8 ޑިސެމްބަރު 2025 ގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް