މަކުނުދޫގައި އަޅާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހދ. މަކުނުދޫގައި އަޅާ އެއާޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.
މަކުނުދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބިގް ފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްގެން މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މަކުނުދޫ އެއާޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ.
މަކުނުދޫ އެއާޕޯޓް އެޅުމުގެ މަސައްކަތުގެ ސައިޓް ސެޓަޕް ހެދުމާއި ފަޔަރ ސްޓޭޝަން އަޅައި ސަރަހައްދު ސާފުކުރުމާއި ބިން ކޮނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެއެވެ.
މި އެއާޕޯޓް ތަރައްޤިކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކުނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައެވެ. އެއާޕޯޓް ނިންމުމަށް ފަހު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާއިއެވެ.
ހދ. އަތޮޅުގައި މިހާރު ވެސް 2 އެއާޕޯޓް އޮންނައިރު، މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން އޮންނަ ރަށެއްކަމުން އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެރަށުގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމެވެ. ސިއްޙީ ކުއްލި ޙާލަތްތަކުގައި ސިއްޙީ ފަރުވާއަށް ބަލި މީހުން ގެންދިޔުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސަރަޙައްދުގެ ކަނޑުތައް ގަދަވުމެވެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ކަނޑުތައް މަޑުދުވަސްތަކުގައިވެސް މަކުނުދޫ ހިމެނޭ ސަރަހައްދުގެ ކަނޑު ގަދަވުމަކީ އެރަށު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)