"ދަނޑުވެރި ނަފާ" ފައިނޭންސިންގ ސްކީމް އިސްލާމީ އުސޫލުތަކަށް ބަދަލުކޮށްފި

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންނަށް ލުއި ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމް އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ބަދަލުކޮށް މިއަދު އަލުން ތައާރަފުކޮށްފިއެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެކެވެ. މި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފޯރުކޮށްދިނުމަށާއި، އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ދަނޑުވެރިންނަށް އަމާޒުކޮށްގެން ތައާރަފުކުރި މި ފެސިލިޓީގެ މައިގަނޑު ތަފްސީލުތަކަކީ:
- ރަހުނަކާ ނުލާ: އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް -/500,000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދެއެވެ.
- ރަހުނާ އެކު: ރަހުނެއް ހިމެނޭހެން -/1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބެއެވެ.
- އަނބުރާ ދެއްކުމުގެ މުއްދަތު: ފެސިލިޓީ އަނބުރާ ދެއްކުމަށް 12 މަސްދުވަހުގެ (1 އަހަރު) ގްރޭސް ޕީރިއަޑަކާ އެކު ޖުމްލަ 10 އަހަރުގެ މުއްދަތެއް ލިބެއެވެ.
- އަހަރީ ރޭޓް: މިއީ މިވަގުތު ރާއްޖޭގައި ދަނޑުވެރިންނަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކަށް %6 އެވެ.
މި ސްކީމް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އާރބަން އެގްރިކަލްޗަރ އަދި ޕްރޮޓެކްޓަޑް އެގްރިކަލްޗަރ
- ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިންގ
- ޕޯލްޓްރީ (ކުކުޅު ގެންގުޅުން) އަދި ކުދި ޖަނަވާރު ގެންގުޅުން
- ވެލިއު އެޑިޝަން އަދި ގަސް އުފައްދާ ނާސަރީތައް ގާއިމުކުރުން
- އެގްރޮފޮރަސްޓްރީ، ވެޓެރިނަރީ ސަރވިސް، ޕެޓް ފާރމް އަދި ޕެޓް ސަޕްލައި ކުރުން
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދާއިމީ ގޮތެއްގައި ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ލުއި ގޮތްތަކެއްގެ މަތިން އަތްފޯރާފަށުގައި ފޯރުކޮށްދިނުން." — ބަދުއްދީން ހަސަން، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ
އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރި ގޮތުގައި މި ފައިނޭންސިންގ ގެ ސަބަބުން ކުދި ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެގެންދާނެއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސައްކަތް ފުޅާކުރުމުގެ ގާބިލުކަން ލިބި، ގައުމުގެ އިގްތިސާދަށް މި ސިނާއަތުން ލިބޭ މަންފާ ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
އިތުރަށް





.gif.gif&w=828&q=100)