ވަރުގަދަ ބެލްޖިއަމް ހިފަހައްޓައި، އީރާނަށް މުހިންމު ޕޮއިންޓެއް!

ވޯލްޑް ކަޕް 2026 ގައި ވަރުގަދަ ބެލްޖިއަމް ހިފަހައްޓައި، ބެލްޖިއަމް މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.
ގްރޫޕް ޖީގައި މި ދެ ޓީމު ފުރަތަމަ ކުޅުުނު މެޗުތަކުން ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، ބެލްޖިއަމް އިން 1-1 އިން މިސްރާ އެއްވަރުވިއިރު، ނިއު ޒީލެންޑާއި އިރާން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މި މެޗަށް ނުކުތްއިރު، އިރާނާއި ބެލްޖިއަމުން ނުކުތީ ނަތީޖާ ނެރުން މުހިންމު މެޗެއްގެ ގޮތުގައި ދެކިގެންނެވެ.
އިރާނުން ފުރަތަމަ މިނިޓުން ފަށައިގެން ޑިފެންސަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅެމުންދިޔައިރު، ބެލްޖިއަމުން ރޮމެލޫ ލުކާކޫ، ފުރަތަމަ އެގާރައިގައި ހިމަނައިގެން އޭނާ އަށް ގިނަ ބޯޅަތަކެއް ކުޅެމުންދިޔަ އެވެ. އެ ގޮތުން، ލުކާކޫ ފޮނުވާލި ހަމަލާއެއް ބްލޮކްވިއިރު، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާގެ ހަމަލާތައް ވެސް އިރާން ޑިފެންޑަރުން ދިޔައީ ސަލާމަތްކުރަމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ މެކްސިމް ޑި ކުއިޕާ އާއި ޑޯޑީ ލޫކެބާކިއޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް އީރާނުގެ ކީޕަރު ބޭރަންވަންދު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އީރާނުން ކައުންޓަރ އެޓޭކުގައި ނުރައްކާ ކުރަމުންދިޔައިރު، މެހްދީ ތަރޭމީ ޖެހި ގޯލެއް ވީއޭއާރު ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި ބާތިލްކުރިއެވެ.
މި މެޗުގައި ބެލްޖިއަމަށް މައްސަލަ ދިމާވީ، ފުރިހަމަ ވަގުތުގެ ފަހު ވިއްސަކަށް މިނިޓާއި އިތުރު ވަގުތުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. އެ ގޮތުން، ބެލްޖިއަމްގެ ޑިފެންޑަރު، ނެތަން އެންގޯއި އަށް ސީދާ ރަތެއް ދެއްކީ އޭނާ ފަހަތަށް ޖައްސާލި ބޯޅަ އަށް ހުސްކޮށް، ތަރޭމީ ދުއްވައިގަތް ވަގުތުގައި އޭނާ ގައިގައި ހިފެހެއްޓުމުންނެވެ. އެންގޯއީ އަށް ރަތެއް ދެއްކީ، ތަރޭމީ އަށް ދުވެފައި ގޮސް ގޯލަށް ޖެހުމަށް އޮތް ފުރުސަތަކަށް ހުރަސްއެޅި ކަމަށް ބަލައިފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ބެލްޖިއަމުން ޑިފެންސަށް ފައިބައިގެން ކުޅެމުންދިޔައިރު ވެސް އެޓޭކަށް ގޮސް ލަނޑެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. އެ ގޮތުން ޑި ބްރޭނާ އާއި ޑި ކުއިޕާ ޖެހި ޝޮޓްތައް ކީޕަރު އަލީ ރެޒާ މަތަކުރި އެވެ.
މެޗުގެ ފަހު ވަގުުތުގައި ބެލްޖިއަމްގެ ޑޯޑީ ލުކެބާކިއޯ ފޮނުވާލި ހަމަލާއެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ބެލްޖިއަމްގެ އެކަކު މަދުވުމުގެ ފައިދާ ނަގައި، މެޗުގެ ފަހުބައިގައި އީރާނުން ބެލްޖިއަމްގެ ގޯލަށް ބާރުބޮޑުކުރިއެވެ. ނަމަވެސް ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ އީރާނުގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މުޅި މެޗުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އީރާނުގެ ކީޕަރު ބޭރަންވަންދުއެވެ. އޭނާ ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން ދުނިޔޭގެ ވަރުގަދަ ބެލްޖިއަމް އަތުން އީރާނަށް ޕޮއިންޓެއް ކަށަވަރުވިއެވެ.
މި ނަތީޖާއާއެކު ގްރޫޕް ޖީގެ ފޯރި މިވަނީ އިތުރަށް ގަދަވެފައެވެ. މުބާރާތުގެ ކުރިއަށްދާން ބޭނުންނަމަ ފަހު މެޗުގައި ބެލްޖިއަމަށް ޖެހޭނީ ނިއުޒީލަންޑް ބަލިކުރާށެވެ. އަދި އީރާނުން ފަހު މެޗުގައި މިސްރާ ދެކޮޅަށް ނުކުންނައިރު، އެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެން އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
އިތުރަށް





.gif.gif&w=828&q=100)