logologologologo
STO
ކުޅިވަރު

ކޭޕް ވާޑުން އަނެއްކާވެސް އެންމެން ހައިރާންކޮށްލައި އުރުގުއޭއާ ވެސް އެއްވަރުކޮށްފި

ކޭޕް ވާޑުން އަނެއްކާވެސް އެންމެން ހައިރާންކޮށްލައި އުރުގުއޭއާ ވެސް އެއްވަރުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 22

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގައި މުޅިން އަލަށް ވާދަކުރާ ކޭޕް ވާޑުން ކުޅުނު ދެ ވަނަ މެޗުގައި މުބާާރާތުގެ ޗެމްޕިއަންކަން ދެ ފަަހަރު ހޯދާފައިވާއިވާ އުރުގުއޭއާ 2-2 އިން އެއްވަރުކޮށްފި އެވެ. 

ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅުނު މެޗުގައި ކޭޕް ވާޑުން ވަނީ 0-0 އިން ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނާ ވެސް އެއްވަރުކޮށްފި އެވެ. އެ މެޗުގައި ކޭޕް ވާޑަށް ލަނޑެއް ޖެހޭގޮތް ނުވި ނަމަވެސް، އުރުގުއޭ ކައިރިން ފުރަތަަމަ ލީޑުނެގި އެވެ. އެކަމަކު، އުރުގުއޭ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލުމުން އަލުން ލަނޑު ޖަހައި އެ ޓީމާ އެއްވަރުކުރި އެވެ. 

އުރުގުއޭ އިން ކުޅުނު ފުރަަތަމަ މެޗުން ސައުދީ އަރަބިއްޔާއާ ވީ 1-1 އިން އެއްވަަރެވެ. އެހެންވެ، ކޭޕް ވާޑްއާ ދެކޮޅަށް ނުކުތީ މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ. އެކަމަކު، މި މެޗު ފަށައިގެން، 21 ވަަނަ މިނިޓްގައި ކޭޕް ވާޑުގެ، ކެވިން ޕީނާ ވަނީ، ހިލޭ ޖެހުމަކުން ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީ އުރުގުއޭ އަށް ސިހުމެއް ގެނެސްފަ އެވެ. މިއީ، ވޯލްޑް ކަޕެއްގައި ކޭޕް ވާޑްގެ ފުރަތަމަ ލަނޑެވެ. 

މަތީ ފަންތީގައި ގިނަ މުބާރާތްތަކެއްގައި ކުޅުމުގެ ތަޖުރިބާ އާއި ފުޓްބޯޅައިގައި ނަން މަޝްހޫރު ކޯޗެއްގެ ކަމަށްވާ މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅޭ އުރުގުއޭ އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، މެޗުގެ 44 ވަނަ މިނިޓްގައި މެކްސިިމިލިއާނޯ އަރައުހޯ ވަނީ ބޮލުން ފޮނުވާލި ބޯޅައަކުން އުރުގުއޭގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އޭނާ އަކީ ސައުދީ އަރަަބިއްޔާ ކޮޅަށް ވެސް އުރުގުއޭގެ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. 

ނަތީޖާ ހަމަހަމަކޮށް އޮވެގެން ފުރަތަމަ ހާފު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް، އުރުގުއޭ އިން ވަނީ އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ޖަހައި، ލީޑުގައި އޮވެގެން މި ހާފު ނިންމާލައިފަ އެެވެ. އެ ގޮތުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ ވަނަ މިނިޓްގައި، އަރައުހޯ ދިން ބޯޅަ އަކުން އޮގަސްޓިން ކަނޯބިއޯ ވަނީ ލަނޑު ޖަހައި، އުރުގުއޭ އަށް ކުރިހޯދައިދީފަ އެވެ. 

ލީޑެއްގައި އޮވެގެން ދެ ވަނަ ހާފު ފެށި ނަަމަވެސް، އުރުގުއޭ އަށް އިތުރު ލަނޑެއް ޖަހައި، ކޮންޓްރޯލް ނެގޭގޮތެއްނުވި އެވެ. އެ ގޮތުން، މެޗުގެ 61 ވަނަ މިނިޓްގައި ހެލިއޯ ވަރޭލާ ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ކޭޕް ވާޑަށް އެއްވަރުކޮށްދީފަ އެެވެ. އަދި، މެޗުގެ ފަހު ބައިގަނޑިއިރު، އުރުގުއޭގެ އެޓޭކްތައް ހުއްޓުވައި، މި ފަހަރުގެ ވޯލްޑް ކަޕްގައި ދެ ވަނަ ޕޮއިންޓް ހޯދައިފަ އެވެ. 

މި ގްރޫޕްގައި ސްޕެއިނުން ކުޅުނު ދެ ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 4-0 އިން މޮޅުވެ، އޮތީ އެއް ވަނައިގަ އެވެ. ސްޕެއިނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އުރުގުއޭ އާއި ތިން ވަނައިގައި އޮތް ކޭޕް ވާޑަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސައުދީ އަރަބިއްޔާ އަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް