ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ނުފެނި ޕޯޗުގަލް ކޮންގޯ އާއި އެއްވަރު ވެއްޖެ

ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެއްވަރު ކޮށްފި އެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅާ ފަހުކޮޅިގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލެއް ފެނުނެވެ.
މެޗު ފެށިގެން ހަވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފަ އެވެ. މި ލަނޑަކީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ޔޮއާއޯ ނޭވޭސް ބޮލުން ފޮނުވާލައިގެން ޖެހި ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި އާތަރ މަސުއާކޫ ހުރަސްކޮށްދިން ބޯޅައަކުން ޔޮއާން ވިއްސާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ކޮންގޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗުގައި އޭނާގެ ފުރަތަމަ ހަމަލާ އުފައްދާފަ އެވެ.
ޕެޑްރޯ ނެޓޯ ނަގައިދިން ބޯޅަ އަށް ޕެނަލްޓީ އޭރިއާ ތެރެއަށް ދުވެފައިގޮސް، ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ދަނޑިކައިރން ބޭރަށެވެ.
މި މެޗުގައި ޕޯޗުގަލް ފެއިލްވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުމާއި، ޑިފެންސްލައިނުން ހެދި ގޯސްތައް ފާހަގަކޮށްލެވެއެވެ. ވަކިން ހާއްސަކޮށް، މެދުތެރެއާއި ކުރިމަތީލައިން ގުޅުވައިދޭނެ އުފެއްދުންތެރި ކުޅުމެއް ނުފެނުމަކީ ދަށް ކުޅުމެއް ފެނުނު އެންމެ ބޮޑު އެއް ސަބަބެވެ.
މީގެ އިތުރުން، ޕޯޗުގަލްގެ ކުޅުންތެރިން މެޗަށް ނުކުތީ މާ ބޮޑަށް އިތުބާރު ބޮޑުވެ، ފަސޭހަކޮށްލައިގެން ތިބެގެން ކަން މެޗުން އެނގިގެންދިޔައެވެ. މިއާ ހިލާފަށް، ޑީއާރު ކޮންގޯއިން ދެއްކީ ހިތްވަރުގަދަ، ކުޅުމެކެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި ޓީމަކުން، ކޮންގޯ ފަދަ ޓީމަކާ އެއްވަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރޮނާލްޑޯއާއި ޕޯޗުގަލްގެ ދެން ތިބި ކުޅުންތެރިން ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ ބޮޑަށް ހިތްވަރު ނުލައިފިނަމަ، މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުގެ ބިރު އެބައޮތެވެ. މި ފެނުނު ކުޅުމަށް ބަލާއިރު، ޕޯޗުގަލަށް މިފަހަރު ތަށީގައި އަތްލުމަކީ ދުރުގައި އޮތް ކަމެކެވެ.
އިތުރަށް





.gif.gif&w=828&q=100)