ސަލާހުގެ ލަނޑާ އެކު މިސްރުން ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި

މުހައްމަދު ސަލާހު ޖެހި ގޯލާ އެކު، މިސްރުން ފަހަތުން އަރައި 3-1 އިން ނިއު ޒީލެންޑް ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.
ނިއު ޒީލެންޑާއި މިސްރުން ބައްދަލުކުރި މި މެޗަށް ނުކުތްއިރު، ގްރޫޕް ޖީގައި ފުރަތަމަ ކުޅުނު ތިން މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. އަނެއްކޮޅުން، މިސްރާއި ނިއު ޒީލެންޑުން ވެސް މި މެޗުގައި އަމާޒުހިފާފައި ވަނީ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމަށެވެ.
މިސްރުން ފުރަތަަމަ މޮޅު ހޯދައި، ގްރޫޕްގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިރާނާއި ތިން ވަނައިގައި އޮތް ބެލްޖިއަމަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ނިއު ޒީލެންޑަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
މިސްރުން ފުރަތަމަ ދިހަ މިނިޓަށް ފަހު، އެޓޭކަށް ޖެހިގެން ރަނގަޅު ކުޅުމަކުން ފެށި މި މެޗުގައި ލީޑުނެގީ ނިއު ޒީލެންޑުންނެވެ. އެ ގޮތުން، ނިއު ޒީލެންޑުން ވަނީ މެޗުގެ 15 ވަނަ މިނިޓްގައި ފިން ސާމަންގެ ލަނޑުން ކުރި ހޯދައިފަ އެވެ. މިއީ، ޓިމް ޕޭން ނެގި ކޯނަރަކުން މިސްރުގެ ކުޅުންތެރިންނަށް ވުރެން ރަނގަޅަށް ބޯޅަ އަށް އަރައި ސާމަން ބޮލުން ޖެހި ގޯލެކެވެ.
ވަނަ ހާފުގެ ކުރީކޮޅުގައި، ނިއު ޒީލެންޑުން ދެ ވަނަ ލަނޑެއް ޖެހުމަށްޓަކައި، އޭރިއާތެރެއިން، ކަލުމް މެކްކޮވަޓް ބޮލުން ފޮނުވާލި ބޯޅަ މިސްރުގެ ކީޕަރު، މުސްތަފާ ޝޫބޭރު ވަނީ މަތަކޮށްފަ އެވެ.
މި މެޗުން މޮޅުވުމަށް މިސްރުން އެންމެ ބޮޑު ތަފާތެއް ދެއްކީ ދެ ވަނަ ހާފުގަ އެވެ.
ނަތީޖާ ހަމަހަމަކުރަން މިސްރުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 58 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، ފުލްބެކް، މުހައްމަދު ހާނީ ނެގި ހުރަހަކުން މުސްތަފާ ޒީކޯ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ނިއު ޒީލެންޑުގެ ކީޕަރު، މެކްސް ކްރޮކޮމްބޭ އަތުގައި ޖެހިފަ އެވެ.
ފުލުފުލުގައި މިސްރުގެ އެޓޭކްތައް ފެންނަމުންދިޔައިރު، އެއްވަރުކުރިތާ 10 މިނިޓް ފަހުން، ލީޑުނެގި ލަނޑު ޖެހި އެވެ. މިއީ، ޒީކޯ ދިން ބޯޅައެއް ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން ސަލާހު ޖެހި ގޯލެކެވެ. މިއީ، މިސްރު ގައުމީ ޓީމަށް ސަލާހު ޖަހައިދިން 68 ވަނަ ގޯލެވެ.
މިސްރުން މެޗުގައި ތިން ވަނަ ލަނޑު ޖެހީ، 83 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަަކަށް ކުޅެން އެރި މަހުމޫދު ޓްރެޒެގޭ އެވެ. މިއީ ސަލާހު ނެގި ކޯނަރަކުން ޓްރެޒެގޭ ބޮލުން ޖެހި ގޯލެކެވެ.
މިސްރުން މީގެ ކުރިން ތިން ފަހަރު (1934، 1990 އަދި 2018) ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނުއިރު މުބާރާތް ނިންމާލީ މޮޅެއް ނުލިބި އެވެ.
އިތުރަށް





.gif.gif&w=828&q=100)