މާރުކޭޓް އަޅަން ބިން ދެވެން ނެތް ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފި

ލޯކަލް މާރުކޭޓު ހުރި ބިމުގައި މާރުކޭޓް އަޅަން ބިން ދެވެން ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ "ވެޓް މާކެޓް" މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް އެ އިދާރާ އިން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވަނީ މާޗު 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސްމާރުކޭޓު ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައި ވާތީ ކަމަށާއި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
"މި މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ވަނީ ސިޓީ ފޮނުވައިފަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވެ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
"ވެޓް މާކެޓް ކޮމްޕްލެކްސް" ގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުން ޕްލޭންކޮށް، ޑިޒައިން ކޮށްފައިވާ ގޮތަށާ އެއީ އެ ކައުންސިލުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ދެކޭތީ ކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށާއި އަދި އެ އެއްބަސްވުން ބާތިލް ނުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަމަށް ނުދޭ ކަމަށެވެ.
އެ ވުޒާރާއިން ބުނީ 600 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް އެ ވުޒާރާއާ ހަވާލުކޮށްފައި ނުވުން ކަމަށެވެ.
މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރާ ގޮތަށް ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް ނުވަތަ "ވެޓް މާކެޓް ކޮމްޕްލެކްސް"އެއް އަޅަން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ. އެ އިމާރާތުގައި 5 ފަންގިފިލާ ހުންނާނެ އެވެ.
އިތުރަށް





.gif.gif&w=828&q=100)