logologologologo
STO
ޚަބަރު

މާރުކޭޓް ކޮމްޕްލެކްސް އަޅަން 4 ސިޓީ ލިޔެގެންވެސް ސިޓީ ކައުންސިލުން ބިން ހަވާލު ނުކުރި

މާރުކޭޓް ކޮމްޕްލެކްސް އަޅަން 4 ސިޓީ ލިޔެގެންވެސް ސިޓީ ކައުންސިލުން ބިން ހަވާލު ނުކުރި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 19

ސަރުކާރުން މާލޭ މާރުކޭޓް ތަރައްޤީ ކުރަން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢަށް ބޭނުންވާ ބިން، 4 ސިޓީ ލިޔެގެންވެސް ސިޓީ ކައުންސިލުން ބިން ހަވާލު ނުކުރި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢު 15 މާރިޗް 2026 ގައި އެ ވުޒާރާއިން ވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައި ކަމަށެވެ.

އެ ވުޒާރާއިން ބުނީ ކޮންސްޓްރަކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށާއި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ވުޒާރާއިން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާ ކަމަށާއި އަދި ކޮންޓްރަކްޓާ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައްވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް އެދި މިނިސްޓްރީން ތަކުރާރުކޮށް މާލޭ ސިޓީ ކައުންސިލްގައި ވަނީ ދަންނަވާފައެވެ." އެ ވުޒާރާގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ގޮތުން ބިން ހަވާލުކުރުމަށް އެދި ފުރަތަމަ ސިޓީ ފޮނުވާފައި ވަނީ 29 މާރިޗް 2026 ގައެވެ. އެއަށްފަހު 11 އޭޕްރީލް 2026 ގައި ފައިސާގެ ކަންކަން ހަމަޖެހުމުން، ބިމަށް ވަނުމުގެ ހުއްދައަށް ކޮންޓްރަކްޓާ އެދިފައިވެއެވެ. އޭގެފަހުން 12 އޭޕްރީލްގައި އެ ވުޒާރާއިން ވަނީ، 18 އޭޕްރީލްގެ ކުރިން ބިން ހަވާލުކޮށްދިނުމަށް އެދިފައެވެ. އަދި 7 މެއިގެ ކުރިން ބިން ހަވާލުކޮށްދިނުމަށް އެދި 3 މޭ ގައި 3 ވަނަ ސިޓީ ފޮނުވާފައިވެއެވެ. އަދި ހަމައެހެންމެ 18 މޭ 2026 ގައި ވަނީ 31 މޭގެ ކުރިން ބިން ހަވާލުކޮށްދިނުން އެދި 4 ވަނަ ސިޓީ ފޮނުވައިފައެވެ.

އެ ވުޒާރާއިން ބުނީ ފާއިތުވި 2 މަސްތެރޭ 4 ފަހަރު ސިޓީ ފޮނުވައިގެން ވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި މިހާތަނަށް އެ ވުޒާރާއާ ބިން ހަވާލުކޮށްފައި ނުވާކަމަށެވެ.

 

View post on Twitter

 

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ 600 ދުވަހުގެތެރޭގައި އެންމެހާ މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢެއްކަމަށެވެ. އަދި މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫޢުގެ އަގު ބޮޑުވެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަހުރޫމްވާނޭ ކަމެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި މަޝްރޫޢު ވީ އެންމެ އަވަހަށް ފެށުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް