މާލެ ސަރަހައްދުން ފުލެޓާއި ބިމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މާލެ ސަރަހައްދުން ފުލެޓާއި ބިމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިރޭ ގެޒެޓްކުރި އިޢުލާނެއްގައި ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލައި، އެ ވުޒާރާއިން އިޢުލާން ކޮށްފައިވާ ސްކީމްތަކާއި ކެޓަގަރީތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މޭ 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.
އެގޮތުން މުއްދަތު އިތުރުކޮށްފައިވާ ކެޓަގަރީތަކުގައި ހިމެނެނީ:
1. އުސޫލު ނަންބަރު 36-ޖީ/2025، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ތިރީގައިވާ ޚާއްޞަ ކެޓަގަރީތަކުތެރޭގައި:
- ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ޙަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ޚާއްޞް ކެޓަގަރީ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ (އުސޫލު ނަންބަރު 6-ޖީ/2026، އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު).
2. އުސޫލު ނަންބަރު 37-ޖީ/2025، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު.
3. އުސޫލު ނަންބަރު 4-ޖީ/2026، "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލު. މިއުސޫލުގައި ހިމެނޭ ކެޓަގަރީތައް:
- "ބިންވެރިޔާ" ޚާއްޞަ ސްކީމް ކެޓަގަރީ 1 ގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
- "ބިންވެރިޔާ" ޚާއްޞަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވީ ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
4. އުސޫލު ނަންބަރު 5-ޖީ/2026، "ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު.
ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިން 1250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި އަދި ފުލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުން 7900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ސްކީމްތަކަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް ކުރިން ހަމަޖައްސާފައި ވަނީ މި ހިނގާ އޭޕްރީލް މަހުގެ 30ގެ ނިޔަލަށެވެ.
އިތުރަށް





.gif.gif&w=828&q=100)
