logologologologo
STO
ޚަބަރު

ދައުލަތަށް ލިބުނު ހިލޭ އެހީ އަންދާޒާކުރި އަދަދަށްވުރެ އިތުރުވެއްޖެ

ދައުލަތަށް ލިބުނު ހިލޭ އެހީ އަންދާޒާކުރި އަދަދަށްވުރެ އިތުރުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 21

މި އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން އާންމުކުރި "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް" ދައްކާގޮތުން، މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 393.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން ބަޖެޓުގައި އަންދާޒާކުރި އަދަދަށްވުރެ ލިބުނު ހިލޭ އެހީގެ އަދަދު ވަނީ 5.3 އިންސައްތަ އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު 128.7 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީއާއި، ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ޖުމްލަ 40.3 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު، ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި މި މަހުގެ މިހާތަނަށް 19 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 17.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ. ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ 4 ގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 7.6 އިންސައްތައިގެ ކުރިއެރުމަކާއެކު 6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް