logologologologo
STO
ވިޔަފާރި

ވިޔަފާރިތަކަށް ފައިނޭންސިން ދޭން 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިޔަފާރިތަކަށް ފައިނޭންސިން ދޭން 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 07

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)އާއި ދިވެހި ސަރުކާރާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި އެ އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި އަދި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، އަމިއްލަ ކުންފުނިތަކުގެގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ފެސިލީޓީތައް ހަމަޖެއްސުމަށް ވަނީ އެއްބަސްވެފައެވެ.

އެ އެއްބަސްވުމް ދެމިގެންދާނީ 2026 އިން ފެށިގެން 2031 އަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު ޔޫސުފް އަލް-އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިމާ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށާއި ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށް ވެސް އެ ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވޭނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާ އަށް އަމާޒުކޮށްދިން އެހީތެރިކަން މިހާރު ވިޔަފާރި އާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އެހީތެރިކަން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު އަލް-އާމާ ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި އަމިއްލަ ކުންފުނިތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް