އެމްޑީޕީގެ ވެރިކަމުގައި 18،053 މުވައްޒަފުން ނެގި، މި ސަރުކާރުގައި ނަގާފައިވަނީ 4،938 މުވައްޒަފުން: ފިނޭންސް މިނިސްޓަރު
އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް 18،053 މުވައްޒަފުން ނަގާފައިވާ ކަމަށާއި މި ސަރުކާރު އައި ފަހުން ނަގާފައި ވަނީ 4،938 މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގަތީ ދައުލަތުގެ އެއްވެސް މަގާމަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އެ މީހަކު ސިޔާސީ ގޮތުން ގެންގުޅޭ ފިކުރަކަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ބަލައި ވަކިކުރުމަކީ ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާއިރު، އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރަނީ ކޮން އުސޫލަކުންތޯ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފަކު އޭނާ ނިސްބަތްވާ ފިކުރަށް ނުވަތަ އުޅޭ ސިޔާސީ ޕާޓީއަށް ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެގޮތަށް އަމަލުކުރުމަށް، ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް އެއްވެސް އެންގުމެއް މިނިސްޓްރީގެ ފަރާތުން އަންގާފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
"ރަނގަޅުގޮތުގައި ހިނގަމުންދާ ތަންތަނަށް ހެދުމަށް އެ ކުންފުނިތަކަކީ ޖެނަރޭޓްކުރާ ރެވެނިއުއަކާ އެއްގޮތަށް ހަރަދުތައް މެނޭޖްކުރެވޭނެ ފަދަ ކުންފުނިތަކަށް ހެދުމަށް އެވަގުތު އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދޭންޖެހޭ އިންސްޓްރަކްޝަންތައް މިނިސްޓްރީން ދާނީ ދެމުން،"
ޒަރީރު ވިދާޅުވި ގޮތުގައި ޕަބްލިކް ސެކްޓާ މުވައްޒަފުންގެ ގޮތުގައި ރާއްޖޭގެ 53 ޕަސެންޓް ހިމެނެ އެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް "އަންސްޓްރަކްޗާ" ގޮތެއްގައި ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކި ދުވަސްވަރު ކުންފުނިތަކަށް މީހުން ވައްދާފައިވާ ގޮތުގެ ރިކޯޑުތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ބައްލަވާފައިވާކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ 2018 ވަނަ އަހަރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ.
އެކަމަކު 2019 އިން 2023 ވަނަ އަހަރަށް އެ އަދަދު 100 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ޒަރީރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި 36،729 މުވައްޒަފުން ކުންފުނިތަކުގައި ތިބި ކަމަށެވެ. ނަމަވެސް ޒަރީރު ވިދާޅުވީ 2024 އިން ފެށިގެން މިހާތަނަށް މި ސަރުކާރުގައި ވައްދާފައިވާ 4،938 މުވައްޒަފުންނާ އެކު މިހާރު ތިބި މުވައްޒަފުންގެ އަދަދަކީ 41،667 ކަމަށް ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ ގޮތަށް ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރަން ބޭނުން ނަމަ، މުވައްޒަފުންގެ އަދަދު މަދުކުރަންޖެހޭ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)