logologologologo
STO
ޚަބަރު

ގްރީން ޓެކުހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް!

ގްރީން ޓެކުހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 23

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއިން އާންމުކުރި ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 5.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އެމެރިކާ ޑޮލަރުން ބަލާއިރުވެސް، މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި 88 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ 7 މަހު ލިބުނު 83 މިލިޔަން ޑޮލަރާ އަޅާބަލާއިރުވެސް 5.8 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. އެގޮތުން ރިސޯޓުތަކާއި، ހޮޓާތަކާއި އަދި ސަފާރީތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކަށް 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގަނީ 6 ޑޮލަރެވެ. ނަމަވެސް، އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއަކީ ރަށްރަށުގެ ތިމާވެއްޓާ ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިންގުމަށް ޚާއްޞަކުރެވިފައިވާ ފައިސާއެވެ. އެގޮތުން ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން "ކްލީން އެންވަޔަރަމަންޓް" ފަދަ ތިމާވެށި ރައްކާތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތަކަށް ސަރުކާރުން ދަނީ މި އާމްދަނީން ޚަރަދުކުރަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް