ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި އަންގާފައިވާ އެންގުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ. މީރާއިން ހާމަކުރި ގޮތުގައި، މި ލިސްޓުގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ނުދައްކައިވާ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.
މިއީ "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން ނިންމި ނިންމުމެއްކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް އެންގުންތައް ފޮނުވައި، ޓެކްސް ނުދައްކައިފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ސާފުކޮށްދެވިފައިވާނެކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ދައްކަންޖެހޭ ފައިސާ އަވަހަށް ދައްކައި ނިންމުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީރާގެ މިދިޔަ މަހުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، ދައުލަތަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެކަނިވެސް މިދިޔަ މަހު 497 މިލިއަން ރުފިޔާ ވަނީ ހޯދިފައެވެ. މިއީ އެ އޮތޯރިޓީއަށް މިދިޔަ މަހު ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ %3.01 އެވެ.
އިތުރަށް





.gif.gif&w=828&q=100)