logologologologo
STO
ވިޔަފާރި

މިދިޔަ މޭ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް!

މިދިޔަ މޭ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 11

މިދިޔަ މޭ މަހުގެ ތެރޭގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.05 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ހިމެނޭ 88.54 މިލިޔަން ޑޮލަރު ވެސް ހިމެނެއެވެ.

މިއީ 2025 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު %5.8 ދަށް އަދަދެކެވެ. މީރާއިން ލަފާކުރި މިންވަރަށްވުރެ އާމްދަނީ ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %19.5 ދަށްވުމެވެ. މީގެ އިތުރުން ޖީއެސްޓީ، ފަތުރުވެރިކަމުގެ ބިމު ކުލި އަދި ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުން ހިމެނެއެވެ. ނަމަވެސް، މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މޭ މަހު ރިސޯޓްތަކުގެ ލީސް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު ފައިސާ ވަނީ އިތުރުވެފައެވެ.

މޭ މަހު ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރީ ޓެކްސް އާމްދަނީއެވެ. އެގޮތުން އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި 1.15 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ %56.3 އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައެވެ. އެއީ 234 މިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 158 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 156 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 139 މިލިޔަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ %6.8 އެވެ. އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 7.1 މިލިޔަން ރުފިޔާއެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ %13.8 އަކީ މުއްދަތު ހަމަވި ފަހުން ދައްކާފައިވާ ފައިސާއެވެ. އަދި ޖުމްލަ އާމްދަނީގެ %21.9 އަކީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން އިސްނަގައިގެން ކުރި މަސައްކަތުން ހޯދި ފައިސާއެވެ.

އެގޮތުން މީރާއިން ކުރި އެކި މަސައްކަތްތަކުން ޖުމްލަ 382 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް އަނބުރާ ހޯދާފައެވެ. އެ ފައިސާ ހޯދިގޮތުގެ ތަފްސީލަކީ:

  • ނޯޓިސް ފޮނުވައިގެން: 242.13 މިލިޔަން ރުފިޔާ
  • ޑިއުސް ކްލިއަރެންސްގެ ތެރެއިން: 68.19 މިލިޔަން ރުފިޔާ
  • އިންސްޓޯލްމެންޓް އުސޫލުން: 58.98 މިލިޔަން ރުފިޔާ
  • ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދުމަކޮށްދީގެން: 9.24 މިލިޔަން ރުފިޔާ
  • ގާނޫނީ ފިޔަވަޅު އަޅައިގެން: 3.40 މިލިޔަން ރުފިޔާ

ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް މީރާއިން ދަނީ ހަރުދަނާކަމާއެކު ކުރުމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް