logologologologo
STO
ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2026: ތާރީޚީ ކުރިމަތިލުމަކަށް ޕޯޗުގަލްއާއި ކޮންގޯ ތައްޔާރު!

ފީފާ ވޯލްޑް ކަޕް 2026: ތާރީޚީ ކުރިމަތިލުމަކަށް ޕޯޗުގަލްއާއި ކޮންގޯ ތައްޔާރު!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 17

ދުނިޔޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ހަވަނަ ވޯލްޑް ކަޕުގެ ފުރަތަމަ މެޗަށް މިރޭ ނުކުންނައިރު، ޕޯޗުގަލްއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ބައްދަލުކުރާ ފޯރިގަދަ މެޗު ބަލާލުމަށް މުޅި ދުނިޔެ އަދި ހާއްސަކޮށް ރާއްޖޭގެ އެތައް ހާސް ސަޕޯޓަރުންނެއް މިވަނީ ކެތްމަދުވެފައެވެ. ރޮނާލްޑޯގެ ކެރިއަރުގެ ފަހު ވޯލްޑް ކަޕަށް މި މުބާރާތް ވުމުގެ ފުރުސަތު ބޮޑުވުމާއެކު، އޭނާއަށް ފުޓްބޯޅައިގައި މަދުވާ ހަމައެކަނި ރަން މެޑަލް ހޯދުމުގެ ތާރީޚީ ދަތުރު މިރޭ ރާއްޖެ ގަޑިން 22:00 ގައި ހިއުސްޓަން ސްޓޭޑިއަމްގައި ފެށޭނެއެވެ.

ވޯލްޑް ކަޕްގައި 10 ވަނަ ފަހަރަށް އަދި ޖެހިޖެހިގެން 8 ވަނަ ފަހަރަށް ވާދަކުރާ ޕޯޗުގަލް އަކީ މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ޓީމެވެ. ވޯލްޑް ކަޕްގައި އެގައުމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1986 ވަނަ އަހަރުގެ 3 ވަނަ މަގާމެވެ. އޭގެ ފަހުން 2006 ގައި 4 ވަނަ ހޯދިއިރު، އެންމެ ފަހުން 2022 ގައި ބޭއްވި މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ.

  • ކޮލިފައިންގެ ދަތުރު: ޔޫރަޕްގެ ކޮލިފައިން ގްރޫޕް އެފްގެ އެއްވަނަ ހޯދީ ރިޕަބްލިކް އޮފް އަޔަލޭންޑް، ހަންގޭރީ އަދި އަރްމޭނިޔާއާ ވާދަކޮށް، ކުޅުނު 6 މެޗުން 4 މޮޅު، 1 އެއްވަރު އަދި 1 ބަލިވުމާއެކުގައެވެ.
  • ކޯޗުގެ ރެކޯޑު: 2023 ގައި ހަވާލުވި ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ 32 މެޗުގެ ތެރެއިން 23 މެޗުން މޮޅުވެ، އެންމެ 4 މެޗުން ބަލިވެފައެވެ. އޭނާ ވަނީ 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ތަށިވެސް ޕޯޗުގަލްއަށް ހޯދައިދީފައެވެ.
  • ފޯމު: ވޯލްޑް ކަޕްގެ ކުރިން މި އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި މެކްސިކޯއާ އެއްވަރުވި ނަމަވެސް، އެމެރިކާ، ޗިލީ އަދި ނައިޖީރިޔާ އަތުން ވަނީ މޮޅުވެފައެވެ.
  • ތަރިން: ރޮނާލްޑޯގެ އިތުރުން ބްރޫނޯ ފެނާންޑޭޒް، ޖޮއާއޯ ކެންސެލޯ، ވިޓީނިއާ، ނޫނޯ މެންޑޭޒް އަދި ބެނާޑޯ ސިލްވާ ފަދަ ވަރުގަދަ ކުޅުންތެރިން ހިމެނެއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ 1974 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. އެގައުމުން ނުކުންނަނީ ދުނިޔޭގެ ފުޓްބޯޅައިގައި އާ ތާރީޚެއް ލިޔުމުގެ އަޒުމުގައެވެ.

  • ކޮލިފައިންގެ އުނދަގޫ ދަތުރު: އެފްރިކާގެ ގްރޫޕް ބީގެ ދެވަނަ ހޯދުމަށްފަހު، ދެވަނަ ބުރުގައި ކެމަރޫން ބަލިކުރިއެވެ. އަދި ޕްލޭއޮފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވަރުގަދަ ނައިޖީރިޔާ ބަލިކުރުމަށްފަހު، އިންޓަރ ކޮންޓިނެންޓަލް ޕްލޭއޮފްގައި ޖެމެއިކާ 1-0 އިން ބަލިކޮށްގެންނެވެ.
  • އިންގިލާބީ ކޯޗު: 2022 ވަނަ އަހަރު ފްރާންސްގެ ސެބަސްޓިއަން ޑުސާބޯ ކޯޗުކަމާ ހަވާލުވި ފަހުން ކޮންގޯގެ ފުޓްބޯޅައަށް ބޮޑު ބަދަލެއް އައެވެ. އޭނާ ވަނީ 2023 ގެ އެފްރިކަން ކަޕްގެ 4 ވަނަ އަދި 2025 ގެ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް އެގައުމަށް ހޯދައިދީފައެވެ.
  • ފަހުގެ ފޯމު: ވޯލްޑް ކަޕަށް ކޮލިފައިވި ފަހުން މި ޖޫން މަހު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ޑެންމާކާ 0-0 އިން އެއްވަރުވިއިރު، ޗިލީ އަތުން ވަނީ 2-1 އިން ބަލިވެފައެވެ.
  • ތަރިން: ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންނަކީ ކެޕްޓަން ޗެޑްރިކް ބަކަމްބޫ، ފިސްޓަން މަޔޭލޭ އަދި ޗާންސެލް އެމްބެމްބާއެވެ.

އެއްކޮޅުން ތާރީޚީ ތަށި ހޯދަން ނުކުންނަ ޕޯޗުގަލް އެވެ. އަނެއްކޮޅުން ބައިގަރުނަށްފަހު އެނބުރި އައިސް ހައިރާންކަމެއް ބޭނުންވާ ކޮންގޯއެވެ. މިރޭގެ މެޗަކީ ފޯރިގަދަ ވާނެ މެޗެއްކަން ޔަގީނެވެ!

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް