logologologologo
STO
ކުޅިވަރު

ރޮނާލްޑޯ ބޭނުންނަމަ އެނބުރި ގައުމީ ޓީމަށް އާދެވޭނެ: ކޯޗު ހެސޫސް

ރޮނާލްޑޯ ބޭނުންނަމަ އެނބުރި ގައުމީ ޓީމަށް އާދެވޭނެ: ކޯޗު ހެސޫސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 05

ޕޯޗުގަލްގެ ގައުމީ ޓީމު ދޫކޮށް ދިޔަ ނަމަވެސް، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންނަމަ އަލުން އެނބުރި ގައުމީ ޓީމަށް އައުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ކޯޗު ހޯހޭ ހެސޫސް ބުނެފިއެވެ.

މިފަހަރުގެ ނޭޝަންސް ލީގުގައި ރޮނާލްޑޯ ބައިވެރިވި ދެ މެޗުގެ ތެރެއިން އޭނާއަށް ކުޅެން ލިބުނީ އެންމެ މެޗެކެވެ. އަނެއް މެޗުގައި އޭނާ އިނީ ބެންޗުގައެވެ. އަދި ތިންވަނަ މެޗާ ކުރިމަތިލިއިރު، ރޮނާލްޑޯ ވަނީ އަމިއްލައަށް ސްކޮޑުން ވަކިވެފައެވެ.

މުބާރާތުގައި ރޭ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހެސޫސް ބުނީ، ގައުމީ ޓީމަށް އެނބުރި އައުމާ މެދު ގޮތް ނިންމާނީ އަމިއްލައަށް ރޮނާލްޑޯ ކަމަށެވެ. "އަހަރެން ދެކޭގޮތުގައި ކުރިއަށް އޮތް ސްކޮޑަށް ކްރިސް ނަގާއިރު އަލް ނަސްރުގައި ކުޅެމުންދާނަމަ، އޭނާއަކީ ޓީމަށް ނެގުމުގެ ފުރުސަތު އޮންނާނެ ކުޅުންތެރިއެއް. އޭނާ ބޭނުންނަމަ އެނބުރި ގައުމީ ޓީމަށް އާދެވޭނެ،" މިދިޔަ ސީޒަނުގައި އަލް ނަސްރުގައިވެސް ރޮނާލްޑޯއަށް ކޯޗުކަން ކޮށްދިން ހެސޫސް ބުންޏެވެ.

ގައުމީ ޓީމުތަކަށް ހާއްސަ ފީފާ އިންޓަނޭޝަނަލް ބްރޭކް ދެން ކުރިމަތިލާނީ އަންނަ މަހުއެވެ. ހެސޫސް ފާހަގަކުރި ގޮތުގައި މިފަހަރުގެ ބްރޭކުގައި ސްކޮޑު އެކުލަވާލުމުގެ ކުރިންވެސް ރޮނާލްޑޯއާ ވާހަކަދެއްކި ގޮތަށް، އަންނަ މަހު ސްކޮޑު ނެގުމުގެ ކުރިންވެސް އޭނާއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗުގައި ނޯވޭއިން ފުރަތަމަ ލީޑު ނަގާފައިވަނިކޮށް، ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށް ޕޯޗުގަލް ވަނީ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. މިއާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވެގެންގޮސްފައިވަނީ މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް