logologologologo
STO
ޚަބަރު

އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން އުޅުނު: ރައީސް

އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން އުޅުނު: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 15

އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން އުޅުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ގޮނޑި ޕީއެންސީ ކާމިޔާބު ކުރުމާއި ގުޅިގެން މީދޫގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް ޢަރަބިއްޔާ ސްކޫލާއި، އެ ސްކޫލުގެ ދަރިވަރުން ހެދީ ރެފިއުޖީންނަށް ކަމަށާއި އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނީ "ފަނާކުރަނިވި" ފިކުރު ކަމަށެވެ.

ރައީސް ވިދާޅުވީ އެގޮތުން ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލުން އެއީ ފަނާކުރަނިވި ފިކުރުން ކަންކުރި ގޮތް ކަމަށާއި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެ ވަނަ ސަރުކާރާއި އެކީގައި ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން ޢަރަބިއްޔާ ސްކޫލް ތަޅާލި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަންތައް ކުރި ގޮތް. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ޢަރަބިއްޔާ ތަޅާލައި، މަގުމަތި ކުރީނޫންތޯ؟ ރެފިއުޖީން ގޮތުގައި ހެދީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން ގެންގުޅޭ ބިނާ ކުރަނިވި ފިކުރުން ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، ސްކޫލް އަޅަމުންދާ ކަމަށައި އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޕީއެންސީގެ ފިކުރަކީ ވަރަށް ވަރުގަދަ ނުގުޑާ ފިކުރެއް ކަމަށައި އެއީ އިސްލާމް ދީނާއި ޤައުމު ކުރިއަށް ނެރޭ ފިކުރެއް ކަމަށާއި އެ ފިކުރުން އިސްލާމް ދީނަށް ނަސްރު ދިނުމާއި ހަމަޖެހުމާއި ތަރައްޤީއާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށެވެ.

ކުރީ ސަރުކާރުން އަރަބިއްޔާ ސްކޫލު 6 ފަންގިފިލާއަށް އަޅަން ނިންމި ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ އެ ސްކޫލު 10 ފަންގިފިލާގެ އިމާރާތެއްގެ ގޮތުގައި އަޅާށެވެ. އާރްސީސީއާ ހަވާލުކޮށްގެން އެ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކަކާ އެކު 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން އަންޑަ ގުރައުންޑް ޕާކިން ވެސް ހިމަނައިގެންނެވެ.

ޗާންދަނީ މަގުގައި ހުރި ޢަރަބިއްޔާ ސްކޫލަކީ މީގެ 12 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި ތަނެކެވެ. އެ އިމާރާތުގެ ތަނބުތަކުގައި ހުރީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ. އެހެންވެ އެ އިމާރާތަކީ ދަރިވަރުން ބޭނުންކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ޖެނުއަރީ 2023 ގައި ވަނީ ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން އެ ތަން ބޭނުންކުރީ އިލެކްޝަން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ. ނަމަވެސް، އެ ހުރިހާ ތަނެއް މިހާރު ވަނީ ހުސްކޮށް ތަޅާލަން ފަށައިފަ އެވެ.

ޢަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހުރީ މަޖީދީމަގުގައި މިހާރު ޢަރަބިއްޔާ ފުލެޓް ހުރި ބިމުގައެވެ. އެ ބިން އަތުލައި ޢަރަބިއްޔާ ސްކޫލު ޗާންދަނީ މަގަށް ބަދަލުކުރި ރައީސް ނަޝީދުގެ ސަރުކާރުން 2010 ގައިކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް