logologologologo
STO
ޚަބަރު

ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތީ ބިނާކުރަނިވި ރާސްތާއަކާއި ފަނާކުރަނިިވި ރާސްތާއެއްގެ ފިކުރު: ރައީސް

ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތީ ބިނާކުރަނިވި ރާސްތާއަކާއި ފަނާކުރަނިިވި ރާސްތާއެއްގެ ފިކުރު:  ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 14

ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތީ ބިނާކުރަނިވި ރާސްތާއަކާއި ފަނާކުރަނިިވި ރާސްތާއެއްގެ ފިކުރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ.މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތީ ބިނާކުރަނިވި ރާސްތާއަކާއި ފަނާކުރަނިިވި ރާސްތާއެއްގެ ފިކުރުކަމަށާއި، އެ ދެ ފިކުރުގެ ތަފާތު ރައްޔިތުންނަށް ވަރަށް ރަނގަޅަށް މިހާރު އެނގި، ހާމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނިމިދިޔަ އެމްޑީޕީގެ ދެ ސަރުކާރުގައި އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ދިވެހީންނަށް ކުރިމަތިވި ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކަންކަން ހަމަ މަގަށް އެޅުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންސީ ވެގެން ގޮސްފައި މިވަނީ ރައްޔިތުން އެންމެ އިތުބާރުކުރާ ޕާޓީއަށްކަމަށާއި، އޭގެ ސަބަބުން މިހާތަނަށް ބޭއްވި ގިނަ އިންތިޚާބުތައް އެޕާޓީއަށް ކާމިޔާބުވެފައިވާކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރަށް ކާމިޔާބީތައް ލިބޭ އެންމެ ބޮޑު ސަބަބަކީ ޤައުމާއި ދީން އިސްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުންކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާވެފައިވަނީ ހަަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްޤީގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މީގެކުރިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހިނގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް މީގެކުރިން ކަންކަން ގޮސްފައިވާ ކަމަށާއި މިދިޔަ ސަރުކާރުގައި ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ޚިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއްކަމަށާއި، ނަމަވެސް މިސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން މީގެކުރިން ގޯސްކޮށް ކޮށްފައިވާ ކަންކަން ހަމަމަގަށް އެޅުުވުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ވަރުގަދަކުރުމަށް ކިތަންމެ ބޮޑު ޚަރަދެއްކުރައްވައިގެންވެސް މަސައްކަތް ކުރައްވާނެކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފެނިގެންދިޔައީ ދީނާއި ދުރު ސިޔާސަތުތައް ތަންފީޒުކުރަން އުޅުނު މަންޒަރުކަމަށާއި، އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ފެނިގެންދިޔައީ ދީނަށް ޖޯކު ޖަހާމީހުންނަށް ވާގިދޭ މަންޒަރުކަމަށެވެ. ނަމަވެސް މިސަރުކާރުން ހުރިހާ ކަމެއް ކުރާނީ ދިނާއި ޤައުމު އިސްކޮށްގެންކަމަށާ ނަމަވެސް މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ އަސާސަކީ އިސްލާމްދީން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން އޮތީ މަސްތުވާތަކެއްޗާއި ވޭޕް އާއްމުވެފައިކަމަށާއި، ނަމަވެސް މި ސަރުކާރުން ދަނީ އެކަމާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންކަމަށެވެ. އަދި އޭގެ ނަތީޖާވެސް ވަރަށް ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މީގެކުރިން ގޮތެއް ނެތިފައި މަގުމަތީގައި ތިބި ޒުވާނުންނަށް ކުރިއަށްދާނެ މަގުތައް މިއަދު ހޯދައިދީ، ޤައުމުގެ ލޯބިވާ. ދީނީ ކަންކަމަށް އަހުލުވެރި ޒުވާނުންތަކެއް ބިނާކުރަމުންދާކަމަށެވެ.

ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ޙަފްލާއަށް ރައީސުލްޖުމްހޫރިއްޔާ މީދުއަށް ވަޑައިގެންފައި މިވަނީ، މީދޫ ކައުންސިލްގެ ރައީސްގެ ވޯޓު އެއްވަރުވުމުން އިއްޔެ ބޭއްވި އެ ގޮނޑީގެ އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބުރާހީމް ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ. މީދޫ ކައުންސިލްގެ 3 ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންކަން ފާހަގަކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް