ބޮޑު ތަފާތަކުން މީދޫ ކައުންސިލްގެ ރައީސް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން ދ. މީދޫ ކައުންސިލްގެ ރައީސް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ދ. މީދޫ ކައުންސިލް ރައީސަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި ވާދަ ކުރެއްވީ އެމްޑީއޭގެ ފަރާތުން މުޙައްމަދު ޝާހިދު އަދި ޕީއެންސީގެ ފަރާތުން ސުހާ އިބްރާހިމެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1،049 މީހުންނަށް ލިބިފައިވާއިރު، ވޯޓުލުމަށް މީދޫގައި 2 ފޮށި އަދި މާލޭގައި އެއް ފޮށި ވަނީ ބަހައްޓާފައެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން 3 ފޮށިން ވެސް ކުރީގައި އުޅެނީ ސުހާއެވެ. އެގޮތުން މީދޫގައި ބެހެއްޓި 1 ފޮށިން ސުހާއަށް 145 ވޯޓު ލިބިފައިވާއިރު، ޝާހިދުއަށް ލިބިފައިވަނީ 128 ވޯޓެވެ. 2 ވަނަ ފޮށިން ސުހާއަށް 149 ވޯޓު ލިބިފައިވާއިރު، ޝާހިދަށް ލިބިފައިވަނީ 129 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށިން ސުހާއަށް 235 ވޯޓު ލިބިފައިވާއިރު، ޝާހިދަށް ލިބިފައިވަނީ 192 ވޯޓެވެ.
ޕީއެންސީގެ ކެންޑިޑޭޓް ސުހާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު، ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ. އެހެން ކަމުން ސުހާ މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ 80 ވޯޓުގެ ތަފާތުންނެވެ.
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. އޭޕްރީލް މަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރިއިރު، ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބިފައިވާ ކަމަށް ދެއްކިއެވެ. ނަމަވެސް އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެން އަލުން ވޯޓު ގުނުމުން، ސުހާއަށް ލިބުނު ދެ ވޯޓެއް ބާޠިލު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. އެ ނިންމުމާއެކު، ސުހާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން މައްސަލަ ބަލައި ނިންމި ގޮތުގައި، ބާޠިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެކެވެ. އެ ވޯޓުގައި ފާހަގަ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، އެއީ ކާކަށް ދިން ވޯޓެއްކަން ސާފުކޮށް އެނގެން އޮތުމުން އެއީ ސައްޚަ ވޯޓެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ. މި ޙުކުމާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އިން އެއްވަރުވެފައެވެ.
މީދޫ ކައުންސިލްގެ ރައީސްކަމަށް ސުހާ ހޮވިފައިވާއިރު، މީދޫ ކައުންސިލްގެ މެމްބަރަކަށް ވެސް ހޮވިފައިވަނީ ޕީއެންސީގެ ޙުސައިން ރަޝީދެވެ. އަދި މީދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މިސްކާ ޢަބްދުލް ރަޙްމާނެވެ.
އެމްޑީއޭ ކެންޑިޑޭޓުންނާ ވާދަކޮށް ޕީއެންސީން މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވާއިރު ދ. މީދޫ ހިމެނޭ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ އެމްޑީއޭގެ ރައީސް އަޙުމަދު ޝިޔާމް މުޙައްމަދުކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)