ވޯލްޑް ކަޕް2026- ފުރަތަމަ މެޗްގެ ކުރިން އިންގްލެންޑް ޓީމުގެ ކިޓްތަކެއް ވަގަށް ނަގައިފި

2026 ގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ތައްޔާރުވަމުންދާ އިންގްލެންޑް ޤައުމީ ފުޓްބޯޅަ ޓީމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ އެ ޓީމުގެ ޓްރޭނިންގ ބޭހަށް ގެންދިޔަ ސާމާނުތަކެއް ވޭނަކުން ވަނީ ވަގަށް ނަގާފައެވެ.
މި ވައްކަން ހިންގާފައިވަނީ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި އިންގްލެންޑުން ކުރިއަށް ގެންދިޔަ ޕްރީ-ޓޯނަމަންޓް ކޭމްޕް ނިންމާލުމަށްފަހު، މިސޫރީގެ ސްވޯޕް ސޮކަރ ވިލެޖްގައި ހުންނަ އެމީހުންގެ ރަސްމީ ވޯލްޑް ކަޕް ބޭހަށް ސާމާނުތައް ބަދަލުކުރުމުގެ ދަތުރުގެ ތެރޭގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވަގަށްގަނެފައިވާ ތަކެތީގެ ތެރޭގައި ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ހެރީ ކޭން އަދި ޖޫޑް ބެލިންހަމް ފަދަ ތަރިންގެ މެޗު ބޫޓުތަކުގެ އިތުރުން، މުބާރާތުގެ ރަސްމީ ބޯޅަތަކާއި ޓްރޭނިންގް އިކުއިޕްމަންޓްތައް ހިމެނެއެވެ. މީގެއިތުރުން ކޯޗިންގ ސްޓާފުން ބޭނުންކުރާ އެނަލިސިސް ސާމާނާއި، ވައިޓްބޯޑުތަކުގެ އިތުރުން މެސާޖު ކުރާ އެނދުތައްވެސް ވަނީ ގެއްލިފައެވެ.
ކެންސަސް ސިޓީގެ ފުލުހުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާއިރު، ފުލުހުންގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި މި ވައްކަމާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ ދެ މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިންގްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނަން ދެކޮޅު ހަދާފައިވީ ނަމަވެސް، ފުލުހުންނާ ގުޅިގެން ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ކަށަވަރުވެފައެވެ.
އައު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ނިކުންނަ އިންގްލެންޑް ޓީމުގެ ފުރަތަމަ މެޗުގައި އަންނަ ބުދަދުވަހު ޑަލަސްގައި ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މެޗު ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ޓީމުގެ މެނޭޖްމަންޓުން މިހާރު ދަނީ ގެއްލުނު ތަކެތި އަވަހަށް ހޯދުމަށް ނުވަތަ ބަދަލުގައި އައު ސާމާނު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)