logologologologo
STO
ދުނިޔެ

އެމެރިކާއާއި ސައޫދީ އަރަބިއްޔާއާ ދެމެދު ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި

Getty Images
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 23

ސައޫދީ އަރަބިއްޔާގައި މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ގާއިމުކުރުމަށް މަގުފަހިކޮށްދޭ އެއްބަސްވުމެއްގައި އެމެރިކާއާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސޮއިކޮށްފިއެވެ.

އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މިއީ ސުލްހަވެރިކަމާއެކު ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެކުލަވާލެވުނު "ޕީސްފުލް ނިއުކްލިއާ ކޯޕަރޭޝަން އެގްރީމަންޓް" އެއްގެ އިތުރުން "ބައިލެޓަރަލް ސޭފްގާޑްސް އެގްރީމަންޓް" އެކެވެ. މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫއުތަކުގައި އެމެރިކާގެ ކުންފުނިތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް އަދި އާންމުކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ސައޫދީ އަރަބިއްޔާގެ އަމިއްލަ ފަސްގަނޑުގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ. މިއީ ނިއުކްލިއާ އިންޖީނުގެތަކަށް ބޭނުންވާ އިންޖީނު ތެޔޮ އުފެއްދުމަށާއި، އަދި ނިއުކްލިއާ ބޮން އުފެއްދުމަށްވެސް ބޭނުންކުރެވޭ މާއްދާއެކެވެ.

އެމެރިކާއިން މީގެ ކުރިން އެއްވެސް ގައުމަކަށް އެ ގައުމެއްގެ އަމިއްލަ ފަސްގަނޑުގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ދީފައި ނުވާތީ، މިއީ އެމެރިކާގެ ހާރިޖީ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މި އެއްބަސްވުން އިއުލާންކޮށްފައިވަނީ އެމެރިކާއާއި އިރާނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެ، އަދި ޔަމަންގެ ހޫތީން ސައޫދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މި އެއްބަސްވުމުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ އެންމެ މަތީ ރައްކާތެރިކަމުގެ މިންގަނޑުތައް ހިމެނޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެހެންނަމަވެސް އެމެރިކާގެ ކޮންގްރެސްއާއި އިސްރާއީލުގެ މަސްއޫލުވެރިން އަދި ނިއުކްލިއާ ހަތިޔާރު މަނާކުރުމަށް ކެމްޕޭންކުރާ ފަރާތްތަކުން ވަނީ މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމެއް އުފެދިދާނެކަމުގެ އިންޒާރު ދީފައެވެ.

މި އެއްބަސްވުން ދެން ފޮނުވުމަށް ހަމަޖެހިފައިވަނީ މުރާޖައާކުރުމަށްޓަކައި އެމެރިކާގެ ކޮންގްރެސް އަށެވެ. ސައޫދީ ވިލާތުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މީގެ ކުރިން ވިދާޅުވެފައިވަނީ، އިރާނުން ނިއުކްލިއާ ބޮމެއް އުފައްދައިފިނަމަ ސައޫދީންވެސް ވީ އެންމެ އަވަހަކަށް އެފަދަ ހަތިޔާރެއް ހޯދާނެ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް