ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި އޮފިސަރަށް މަޤާމުގެ ކުރިއެރުން ދެއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް މިއަދު އަރުވައިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އަޙްމަދު އާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ޤައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މަޤާމުގެ ކުރިއެރުމަކީ، މުޖުތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާޞިފް އަދާކުރެއްވި އިޚުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާޞިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިޙުތިރާމާއެކުގައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަޙްމަދު އާޞިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ.
"އަޅަމެންގެ ދުޢާއަކީ މާތްﷲ އަޙްމަދު އާޞިފްގެ ފުރާނައަށް ރަޙުމަތްލައްވައި، ކުށްފާފަތައް ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ." ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
"ޕޮލިސް ލޯންޗް 57" ގައި ފުލުހުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި އާޞިފް ގެއްލުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދޭ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
މި ހާދިސާ ފުލުހުން ދަނީ ތަޙްޤީޤު ކުރައްވަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)