logologologologo
STO
ޚަބަރު

ދިވެހި ފުލުހުން ސިންގަޕޫރު ފުލުހުންނާއެކު ބައްދަލުވުމެއް ބާއްވައިފި

ދިވެހި ފުލުހުން ސިންގަޕޫރު ފުލުހުންނާއެކު ބައްދަލުވުމެއް ބާއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 07

ދިވެހި ފުލުހުން ސިންގަޕޫރު ފުލުހުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މާލީ ސްކޭމްތަކުގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ގުޅިގެން، ސިންގަޕޫރު ފުލުހުންނާއެކު މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މުހިންމު ބައްދަލުވުމެއް ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

މި ބައްދަލުވުން ބޭއްވީ 2026 މެއި 20 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ. މި ބައްދަލުވުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި، މާލީ މުއައްސަސާތަކާއި، މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ރެގިއުލޭޓަރީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި ސެޝަން ބޭއްވިފައިވަނީ ބައިނަލްއަޤުވާމީ ގޮތުން ސްކޭމްތަކާ ދެކޮޅަށް ހިންގުނު އޮޕަރޭޝަން ފްރޮންޓިއަރ 3 ޕްލަސް ގެ ނިންމުމުގެ ބައްދަލުވުންތަކާ ގުޅުވައިގެންނެވެ.

މިއީ ސްކޭމްތައް ހުއްޓުވުމަށާއި، އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި ގިނަ މުއައްސަސާތަކެއް ގުޅިގެން ހިންގުނު ފުރަތަމަ މިފަދަ ބޮޑު ޙަރަކާތެވެ. މިއީ ދުވަހުން ދުވަހަށް ބަދަލުވަމުން އަންނަ މާލީ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ. މި ޕްރޮގްރާމުގައި ސަރުކާރާއި އަމިއްލަ ދާއިރާގެ 35 އަށްވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވާއިރު، މިކަމުން، ސްކޭމްތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް ދެމުންގެންދާ ސަމާލުކަން ހާމަވެގެންދެއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްދެއްވީ ސްކޭމްތައް ހުއްޓުވުމާއި އަނިޔާލިބޭ ފަރާތްތައް ރައްކާތެރިކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ "އެންޓި-ސްކޭމް ކޮމާންޑް" ގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމުގެ ތެރެއިން ސިންގަޕޫރުގެ ވަފުދުން ވަނީ ބޮޑެތި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ސްކޭމްތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމުގައި އެ ޤައުމުން ހޯދާފައިވާ ކާމިޔާބީތަކާއި އަމަލުކުރާ އުސޫލުތައް ހިއްސާކޮށްފައެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، އަވަހަށް ފިޔަވަޅު އެޅުމަށާއި ފައިސާ ހިފެހެއްޓުމަށް މަގުފަހިކޮށްދޭ ޤާނޫނީ އޮނިގަނޑުތަކާއި، މާލީ އިދާރާތަކުގެ ތެރެއިން ވަގުތުން ވަގުތަށް މުއާމަލާތްތައް މޮނިޓަރކޮށް ރިޕޯޓްކުރާނެ ނިޒާމުތައް ހިމެނެއެވެ. މީގެ އިތުރުން، ތަޙުޤީޤީ އިދާރާތަކާއި، ރެގިއުލޭޓަރުންނާއި، މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި މަސައްކަތުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ޒަމާނީ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

"ސްކޭމްތަކާ ދެކޮޅަށް ނަތީޖާ ނެރެވޭނީ ހަލުވިކަމާއެކު އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. ބޭންކުތަކާއި، މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި، އަދި ޢަދުލު އިންސާފުގެ ދާއިރާގެ ބައިވެރިން ސިންގަޕޫރުގެ ތަޖުރިބާކާރުންނާއެކު އެއް މޭޒަކަށް އައުމަކީ، މާލީ ސްކޭމްތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" އޭނާ ވިދާޅުވިއެވެ.

ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ސްކޭމްތައް ތަފާތު ގޮތްގޮތަށް ފެތުރެމުންދާއިރު، ބައިނަލްއަޤުވާމީ ފަރާތްތަކާއެކު މަސައްކަތްކޮށް، ރައްޔިތުންނާއި ވިޔަފާރިތަކާއި މާލީ ނިޒާމު މިފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް