ރައީސްގެ ސިންގަޕޫރު ދަތުރުފުޅުގައި ހުރިހާ ވަގުތެއް ހޭދަކުރެއްވީ ޢާއިލާއާއެކު: ސަފީރުގެ ނައިބު
.jpg&w=3840&q=100)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ހުރިހާ ވަގުތެއް ހޭދަކުރެއްވީ ޢާއިލާއާއެކުގައި ކަމަށް ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
ހުސްވި މޭ މަހު 25 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. މި ދަތުރުފުޅާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައީސް ސިންގަޕޫރަށް ވަޑައިގަތީ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ނައިބު ރައީސް އަޙުމަދު ނާޒިމްއާ ބައްދަލު ކުރައްވަން ކަމަށާއި އެކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނާޒިމް އެ މަޤާމުން އިސްތިޢުފާދެއްވީ އިއްޔެއެވެ.
މި ތުހުމަތުތަކާއި ގުޅިގެން، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވި މުހުތާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އާއިލާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ބަޔަކާއި ބައްދަލުކުރައްވަވާ ސިޔާސީ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ބަޔަކު ފަތުރަމުންދަނީ މުޅިން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
"އެ ދަތުރުފުޅުގައި އެމަނިކުފާނު ހުރިހާ ވަގުތެއް ހޭދަކުރެއްވީ އާއިލާއާ އެކުގައެވެ. މިކަން އެންމެ ގާތުން ދުށް މީހެއްގެ ހައިސިއްޔަތުން، މިއީ ކަނޑައެޅިގެން ދޮގެއްކަން އަޅުގަނޑު ކަށަވަރުކޮށްދެމެވެ." މުހުތާޒު ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
މުހުތާޒު އިތުރަށް ވިދާޅުވީ ސިޔާސީ ފިތުނަވެރިކަން އުފެއްދުމަށް ފަތުރާ މިފަދަ ދޮގު ވާހަކަތަކަށް ސަމާލުވެ، އެފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވާން ޖެހޭ ކަމަށެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވެސް ވަނީ އެދަތުރުފުޅާއި ގުޅިގެން ދެކެވުނު ވާހަކަތައް ދޮގުކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ދަތުރަކީ މާކުރިން ޝެޑިއުލްކުރައްވައިގެން ކުރެއްވި ދަތުރެއް ކަމަށާއި މުޅި ދަތުރުގައި ވެސް ވަގުތު ހޭދަކުރެއްވީ ޢާއިލާއާއެކު ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމްއާ ދައްކާނެ ވާހަކައެއް އަދި ކުރައްވާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)