ދުނިޔޭގެ ތަހުޒީބު ގައުމުތަކުން ކަންކުރަމުން ދާގޮތަށް، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް މަނާ ކުރަނީ

ދުނިޔޭގެ ތަހުޒީބު ގައުމުތަކުން ކަންކުރަމުން ދާގޮތަށް، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އޮސްޓްރޭލިއާގައި އޮންނަ ގޮތަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެކައުންޓުތައް ނުހެދޭ ގޮތަށް ހަމަޖައްސަން ކަމަށެވެ.
ރައީސް ވިދާޅުވީ 16 އަހަރު ނުފުރޭ ތުއްތު ކުދިންނާއި ޒުވާނުން މީސްމީޑިއާގައި ބުލީގެ ޝިކާރައަކަށްވެ، އެހެނިހެން ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސް ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަން ގަސްދު ކުރައްވާ ކަމަށެވެ.
"އެންމެ ޒުވާން ކުދިން މީސް މީޑިއާގައި ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް މިވަނީ ގޮސްފައި. މިއީ ގްލޯބަލައިޒްވެފަ އޮތް ކަމެއް. ހުރިހާ ހިސާބެއްގައި، މުޅި ދުނިޔޭގައި އޮތް ކަމެއް. ސައިބާ ބުލީ މިއީ ވަރަށް ނުރައްކާތެރި ކަމެއް. ޒުވާން ކުދިން، ތުއްތުކުދިން މިކަމުގެ ތެރެއަށް ގޮސްފަ މުޅި ދުނިޔޭގައި ވެސް އޮތް މައްސަލައެއް. ހަމަ އެގޮތަށް އޮންލައިން ގްރޫމިންއަކީ ވެސް އޭގެ ސަބަބުން އަންނަ ވަރަށް ނުރައްކާތެރި ކަމެއް. ވަރަށް ހާމްފުލް ކޮންޓެންޓަށް ޒުވާން ކުދިން، ތުއްތު ކުދިން އެބަ އެކްސްޕޯސްވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި އެކަމާ ބެހޭ ގާނޫނަކާއި ގަވާއިދުތައް ހަދައި އެކަންކަން ތަންފީޒު ކުރަން ފެށުން ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ ފިޔަވަޅުތައް
- އޮސްޓްރޭލިއާ: މިދިޔަ ޑިސެމްބަރު މަހު، 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް އުވާލުމަށް ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ސައިޓްތަކަށް މަޖުބޫރުކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވިއެވެ. ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށިތާ ތިން މަސް ފަހުން ވެސް، ގިނަ އަދަދެއްގެ ކުދިން އަދިވެސް ސިއްރުން މި ޕްލެޓްފޯމްތައް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
- އިންޑޮނީޝިއާ: އޮންލައިން ބުލީކުރުމާއި، ބަދުއަހުލާގީ ކޮންޓެންޓް އަދި އިންޓަނެޓަށް ދެވިހިފުމުން ކުދިން ރައްކާތެރިކުރުމަށްޓަކައި، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގަވާއިދަކަށް މިއަހަރުގެ މާޗު މަހު ވަނީ އަމަލުކުރަން ފަށައިފަ އެވެ. މި ބޭން ފުރަތަމަ އަމާޒުކުރީ ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް، އެކްސް، އަދި ރޮބްލޮކްސް ފަދަ 8 ޕްލެޓްފޯމަކަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި، އޮންލައިން ވިޔަފާރިކުރާ ސައިޓްތަކާ އެކު ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަކަށް މި ބޭން ފުޅާކުރަން އެ ގައުމުން އަންނަނީ ވިސްނަމުންނެވެ.
- ތުރުކީ އަދި ޔޫރަޕް: ތުރުކީގެ ޕާލަމެންޓުން މިދިޔަ އެޕްރީލް މަހު ވަނީ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށްފަ އެވެ. މީގެއިތުރުން ނޯވޭ، ގްރީސް، ފްރާންސް، ސްޕެއިން އަދި ޑެންމާކް ފަދަ ޔޫރަޕްގެ ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
- މެލޭޝިއާ: މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިވާ މީހުންގެ އުމުރު ކަށަވަރުކުރުމާއި، 16 އަހަރުން ދަށުގެ ކުދިން އެ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާކުރާ ގާނޫނާއި ގަވައިދުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ރައީސް ވިދާޅުވިގޮތުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުން ތައުލީމް ހާސިލް ކުރުމަށް އަދި އެކި ކަހަލަ ފަންނުތައް ދެނެގަތުމަށްޓަކައި އިންޓަނެޓަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން އެކަންކަމަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާ ގޮތަށް މީސްމީޑިއާގެ ބައެއް ކޮންޓެންޓުތަކާއި ބައެއް އެޕްތައް ބަންދުކުރާނެ ކަމަށާއި ޒުވާން ކުދިން ނުބައި ކަންކަމުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް




.gif.gif&w=828&q=100)