logologologologo
STO
ޚަބަރު

މިމަހުގެ ނިޔަލަށް ބީއެމްއެލްގެ ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެ

މިމަހުގެ ނިޔަލަށް ބީއެމްއެލްގެ ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 01

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް މި ހިނގާ ޖޫން މަހުގެ ފަހުކޮޅު އެދެވޭ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޭންކުން ޑޮލަރު ލިމިޓް ކުޑަކުރުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ބީއެމްއެލްއަށް ދަތިތަކެއް ހުރުމުގެ ސަބަބުން މިހާރު ލިމިޓްތަކެއް ހިފަހައްޓާފައިވީ ނަމަވެސް، އެކަމުގެ ތަފްސީލު ސަރުކާރުން ސާފުކުރުމުން އުންމީދީ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.

"އިއްޔެގަ ބޭންކަށް ރައީސް އޮފީހުން މައލޫމާތު ހޯދުމަށް ބެލިއިރުގަ، މިމަސް ނިމޭ ހިސާބުގައި އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތް ކުރައްވާފަ އޮތީ،" ރައީސް ވިދާޅުވިއެވެ.

ޑޮލަރު ލިމިޓް ކުރަން ޖެހުނު ސަބަބު

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި ޑޮލަރުގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވީ މެދުއިރުމަތީގެ ހަލަބޮލި މަސްރަހާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ މިންވަރު ބޮޑުތަނުން ދަށްވުމާ ގުޅިގެންނެވެ. ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް (ބޭހާއި، ތައުލީމާއި، މުހިންމު އިމްޕޯޓަށް) ބޭނުންވާ ބޭރު ފައިސާ ކަށަވަރުކޮށް އިގްތިސާދު ކުރުމަށްޓަކައި ބޭންކުން ވަނީ ނިޒާމުތައް ވަރުގަދަކޮށްފައެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި ރުފިޔާ ކާޑުތަކުން ކުރާ އޮންލައިން މުއާމަލާތްތަކަށް އެ ބޭންކުން ދުވާލެއްގެ މައްޗަށް 1.33 މިލިއަން އެމެރިކާ ޑޮލަރު ވިއްކަމުންދެއެވެ.

ކާޑުތަކުން ވިޔަފާރިކުރުމުގައި މިހާރު އަމަލުކުރާ އުސޫލު

އީކޮމާސް ނުވަތަ އޮންލައިން ސައިޓްތަކުން ވިޔަފާރިކުރުމުގައި މިހާރު ބޭންކުން ގެންގުޅޭ އުސޫލުތަކަކީ:

  • ދުވާލުގެ ވަކި ބަޖެޓެއް: އޮންލައިން ވިޔަފާރިތަކަށް ބޭންކުން މިހާރު ކަނޑައަޅާފައިވަނީ ދުވާލަކަށް ވަކި ހާއްސަ ބަޖެޓެކެވެ. މި ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރިއެއް ނުކުރެވޭނެއެވެ.
  • ބީއެމްއެލް އެޕް ނޮޓިފިކޭޝަން: ކަނޑައެޅިފައިވާ ދުވާލުގެ ބަޖެޓް ހަމަވުމުން، ބޭންކުން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ނޮޓިފިކޭޝަނެއް ފޮނުވާނެއެވެ. ނަމަވެސް އެހެނިހެން މުހިންމު ސައިޓްތަކުން ހިދުމަތް ހޯދުމަށް މީގެ ސަބަބުން ބުރލެއް ނާންނާނެއެވެ.
  • ޑޮލަރު އެކައުންޓް ކާޑުތަކަށް ލިމިޓެއް ނެތް: ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން އެއްވެސް ލިމިޓެއް ނެތް ގޮތަށް މުއާމަލާތް ކުރެވޭނެއެވެ. ކަސްޓަމަރުން އާންމުކޮށް ބޭނުންކުރާ ޝެއިން އަދި ޓީމޫ ފަދަ ބޭރުގެ ރީޓެއިލް ސައިޓްތަކުން ވެސް ޑޮލަރު އެކައުންޓް ކާޑުން ބޭނުން އަދަދަކަށް ވިޔަފާރިކުރެވޭނެއެވެ.

ބޭންކުން އިތުރަށް ބުނީ އޮންލައިން (އީކޮމާސް) މުއާމަލާތްތައް އިތުރުވުމަކީ ބޭންކަށް މާލީ ގޮތުން ފައިދާ ބޮޑު ކަމެއް ނަމަވެސް، މިވަގުތުގެ ހާލަތަށް ބަލައި ޑޮލަރު ރައްކާތެރިކުރުން މާ މުހިންމު ކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި ބޭންކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވަމުންދާ ވަރަކަށް ރުފިޔާ ކާޑުތަކުގެ ލިމިޓަށް ދާއިމީ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ބޭންކުން ދެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް