ޑިއުޓީގައި ހުއްޓާ ނިޔާވި ފުލުސް އޮފިސަރުގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

ޑިއުޓީގައި ހުއްޓާ ނިޔާވި ފުލުސް އޮފިސަރުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުންހިތާމައާއެކުގައި ކަމަށެވެ.
މަރްޙޫމު އާޞިފްގެ ޢާއިލާގެ އިތުރުން އެމަނިކުފާނު ވަނީ ދިވެހި ފުލުހުންނަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކޮށް، ތަޢުޒިޔާ ވިދާޅުވެފައެވެ.
"ޕޮލިސް ލޯންޗް 57" ގައި ފުލުހުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި އާޞިފް ގެއްލުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދޭ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
މި ހާދިސާ ފުލުހުން ދަނީ ތަޙްޤީޤު ކުރައްވަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)