logologologologo
STO
ޚަބަރު

ވަޠަނީ ޚިދުމަތުގެ ތަމްރީނަށްފަހު ސިފައިންގެ ޚިދުމަތަށް ނިކުތް 137 ދަރިވަރުން ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ ތަމްރީނަށްފަހު ސިފައިންގެ ޚިދުމަތަށް ނިކުތް 137 ދަރިވަރުން ދަސްވެނިވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 13

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗްގެ ތަމްރީނަށްފަހު ސިފައިންގެ ޚިދުމަތަށް ނިކުތް 137 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

މި ދަރިވަރުންނަށް ސާބަސް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފައިންގެ އަސާސީ ތަމްރީނުގެ 72 ވަނަ ކޯހުން އެކި ވަނަތައް ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް، ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް މި ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެކެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ގެ އެންމެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ދަސްވެނިވެފައިވާ ކަމަށެވެ.

"މިކޯހުން އެކި ވަނަތަށް ޙާޞިލް ކުރި އެންމެހާ ބައިވެރިންނަށް މަރުޙަބާ ދަންނަވަން. އަދި ސިފައިންގެ މަތިވެރި ޚިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން." ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 07 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯސް ކުރިއަށްގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގައެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް